އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ ގޮނޑިއަކަށް ރާއްޖެ އިންތިހާބުވުމަކީ ރާއްޖޭގެ ހާރިޖީ ތާރީހުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 60 އަހަރުގެ ތެރޭގައި މި ކައުންސިލަށް ރާއްޖެ އިންތިހާބުވި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖެ އިންތިހާބުވެފައިވަނީ 2027 އިން 2029 އަށް އޮންނަ ދައުރަށެވެ.
ރައީސް ވިދާޅުވީ މި ތާރީޚީ ކާމިޔާބީ ރަމްޒުކޮށްދެނީ، ބައިނަލްއަޤުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެއާ މެދު އޮންނަ ޔަޤީންކަމާއި، އެ މުޖުތަމަޢު ރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.
ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ ވިލުންތެރިކަމާއި، ދެމެހެއްޓެވި ތަރައްޤީ ޤާއިމުކުރުން ފަދަ، ނާޒުކު ޙާލަތްތަކަށް ހުށަހެޅިފައިވާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ހައްސާސްކަން، ރާއްޖެއަށް ސީދާގޮތެއްގައި ފަހުމުވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިކޯސޮކް ވެގެންދާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ އެހެނިހެން ޤައުމުތަކުގެ މަސްލަހަތުތައް އިސްކޮށް، އެ ޤައުމުތަކުގެ އުންމީދުތަކުގެ އަޑުއުފުލަން ލިބޭ މަންސައަކަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުންދިނުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވާން ކުރާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް، މިހާރަށްވުރެ އިންސާފުވެރި އަދި ވިލުންތެރި ބައިނަލްއަޤުވާމީ ނިޒާމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖެއިން، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރައްވަމުންގެންދަވާނޭކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.