ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އިން "ސީސީސީ-"އަށް މަތިކުރުމަކީ ހަވާ އަރުވަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ވަގުތީ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ފިޗް ރޭޓިން އިން ކުޑަތަންކޮޅެއް މައްޗަށް ޖެހިލުމަކީ އިގްތިސާދުގައި މާ ވަރުގަދަ ހަކަތައެއް ހުރުން ނޫން ކަމަށާއި މިއީ ވަގުތީ ހައްލެއް ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ފިޗު ރޭޓިން އަނެއްކާވެސް ފަހަތަށް ސޮއްސާނުލާނެ ކަމެއް ވެސް ނޭނގޭ ކަމަށާއި ރާއްޖޭގައި އަދިވެސް އޮތީ ބޯވަތަށް އޮތް އިގްތިސާދެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"މި ފިޗް ރޭޓިންގް ކުޑަކުޑަ ތަންކޮޅެއް ޖެހިލުމަކީ ވަގުތީ ކަމެއް. އެއީ އިގްތިސާދު ބިނާވެފައިހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައީކީ ނޫން. މިވަގުތަށް ކުރީގައި އޮތް ދަރަނި ދެއްކިދާނެ ނުދެއްކިދާނެ މިންވަރަށްވުރެ ކުޑަކުޑަ ތަންކޮޅެއް ރޫފަ ޖެހެލީ، އެކަމަކު އޭގެ މާނައަކީ އިގްތިސާދު ރަނގަޅުވެގެން އުޅެނީއެކީ އެއް ނޫން" ޔާމީން ވިދާޅުވި އެވެ.
ފިޗު ރޭޓިން އަށް އައި ބަދަލަކީ ދެމެހެއްޓެނިވި ބަދަލެއް ނޫން ކަމަށާއި އަދި ހަވާ އެރުވުންފަދަ ކަންކަން ކުރަން އަދި ނުވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"މި ފިޗް ރޭޓިންގްއަށް މި އައި ވަގުތީ ބަދަލަކީ އޭގެ ޒާތުގަ، ދެމެހެއްޓެނިވި ބަދަލެއް ނޫން. މިއަހަރު ހުސްވުމުގެ ކުރިން، ހަމަ ނޭނގޭ ފަހަތަށް މި ސޮއްސާނުލާނެ ކަަމެއް އިނގޭތޯ. އެހެންވީމާ، އަދި ނުވޭ ހަވާ އަރުވައި މިކަންކަން ކުރާކަށް،" ޔާމީން ވިދާޅުވި އެވެ.