މާލެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގުގައި އިއްޔެ ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ. އެ ރަސްމިއްޔާތުގައި، ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
ރަސްމިއްޔާތުގައި، ކޮމިޝަންޑު އޮފިސަރުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ އިޙްސާނެވެ. ސަބް އިންސްޕެކްޓަ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ ސީީޕީ އެވެ. އަދި ސީނިއަ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ ފަރުހާދެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 156 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 28 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓަ އޮފް ޕޮލިސް ރޭންކުގެ 61 ފުލުހަކާއި ސީނިއަ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 67 ފުލުހެކެވެ.