Last Updated: June 5, 22:30
Friday, June 5, 2026
މީހުން

އިންޑިއާގެ މިނިވަންކަމުގެ އަޑު!

އޫޝާ މެހެތާ.

ދުވަސްވަރަކީ އިނގިރޭސިންގެ އީސްޓް އިންޑިއާ ކުންފުނިން، އިންޑިއާ އިސްތިޢުމާރު ކޮށްގެން ތިބި ދުވަސްވަރެވެ. އިނގިރޭސި ސަރުކާރުން ދިޔައީ މުޅި އިންޑިއާގައި، އެމީހުންނާ ދެކޮޅަށް ޙަރަކާތްތެރިވަމުން ދިޔަ ޖާސޫސުން ޝިކާރަ ކުރަމުންނެވެ. އެހެންނަމަވެސް އެންމެ ނުރައްކާތެރި ޖާސޫސީ އެޖެންޓުންނަކީ ސިފައިންނެއް ނޫނެވެ. އެއީ، އެއްވެސް މީހަކަށް ޝައްކުވެސް ނުކުރެވޭ ފަދަ ހިތްވަރު ގަދަ ބައެކެވެ. އާދެ، އެއީ އިންޑިއާގެ ކަނބަލުންނެވެ.

އިނގިރޭސި ޖާސޫސީ އިދާރާއިން ޤަބޫލުކޮށްގެން ތިބީ، ބަޣާވާތް އެމީހުންނަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އިންޑިއާގެ ބޮޑެތި ސަހަރުތައް މޮނިޓަރކޮށް، އިންޤިލާބީންގެ ބައްދަލުވުންތަކަށް ދިޔައީ އިނގިރޭސިން ދިޔައީ ހުރަސްއަޅަމުންނެވެ. އަދި، އިނގިރޭސިން ދިޔައީ މެދުނުކެނޑި އިންޤިލާބީން ހައްޔަރު ކުރަމުންނެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އިނގިރޭސި ދައުލަތުގެ ސިއްރުތައް ދިޔައީ ލީކުވަމުންނެވެ. ކިތަންމެ މޮޅު ތަދުބީރުތަކެއް ކުރި ކަމުގައިވީ ނަމަވެސް، އިނގިރޭސިންގެ އޮޕަރޭޝަންތައް ދިޔައީ ފޭލިވެ، ނާކާމިޔާބު ވަމުންނެވެ.

އިނގިރޭސި އޮފިޝަލުން އެއް ސުވާލެއް ތަކުރާރު ކުރަން ފެށިއެވެ. މައުލޫމާތު ފޯރުކޮށްދެނީ ކާކު ހެއްޔެވެ؟ ޖަވާބަކީ އެވަރުގަދަ އޮޕަރޭޝަންތައް ހިންގަމުން ދިޔައީ ސިއްރު ބަންކަރުތަކަކުން ނުވަތަ އަސްކަރީ ކޭމްޕްތަކަކުން ނޫނެވެ. އެއީ، އާންމުންގެ ލޯތަކަށް ސިއްރުން ހިންގަމުން ދިޔަ ޖާސޫސީ ޙަރަކާތެކެވެ.

އެ ޙަރަކާތުގެ ބައިވެރިން، މުދައްރިސުންނާއި، ނަރުހުންނާއި، އަދި ދަރިވަރުންގެ ގޮތުގައި އެއް ތަނުން އަނެއް ދަތުރުކުރިއެވެ. އެވަރުގަދަ ނެޓްވޯރކުގައި ގިނައިން މަސައްކަތް ކުރީ ކަނބަލުންނެވެ. އޭގެތެރޭގައި، ޅަދަރި މައިންވެސް، ތޮއްޖެހިފައިވާ މަގުތަކުން ޖާސޫސީ މަޢުލޫމާތު ފޮރުވާފައިވާ ވަށިގަނޑުތައް ހިފައިގެން އުޅުނެވެ.

ބައެއް ފަހަރު އެމީހުން، ޖާސޫސީ މަޢުލޫމާތު ހެދުމުގެ ބައެއްގެ ގޮތުގައި ފަހައިގެންވެސް އެއްތަނުން އަނެއްތަނަށް އުފުލިއެވެ. އަދި ބައެއް ފަހަރު، އެ ޙަރަކާތުގައި ބައިވެރިވި ކިޔަވާ ކުދިން، އެމީހުންގެ ފޮތްތަކުގެ ތެރޭގައި ފޮރުވައިގެން ޖާސޫސީ މަޢުލޫމާތު އުފުލައި ހެދިއެވެ. ބައެއް ޙާލަތްތަކުގައި، އެ މަޢުލޫމާތު ހިތުދަސްކޮށް، ސިކުނޑީގައި ރައްކާކޮށްފައިވާ ކޯޑް މެސެޖުތަކެއްގެ ގޮތުގައި، އެއްތަނުން އަނެއް ތަނަށް ނަޤުލުކުރިއެވެ.

އިނގިރޭސިން ދިޔައީ ޗެކް ޕޮއިންޓްތަކުގައި ފިރިހެނުން ބަލައިފާސްކުރަމުންނެވެ. އެކަމަކު، އެ ޙަރަކާތުގައި ބައިވެރިވި ކަނބަލުން ޗެކްޕޮއިންޓްތައް ހުރަސްކޮށްފައި ދިޔައީ ޔަޤީންކަމާއި، އިތުބާރާއެކުގައެވެ. އިންޑިއާގެ ހިތްވަރުގަދަ އަންހެނުންނާ ދޭތެރޭ، އިނގިރޭސި އޮފިސަރުން ކުޑަވެސް ޝައްކެއް ނުކުރެއެވެ.

އެ ޙަރަކާތުގެ ބައިވެރިންގެ ތެރެއިން އެކަކީ ޢުމުރުން އެންމެ 22 އަހަރުގެ އޫޝާ މެހެތާއެވެ. 1942 ވަނަ އަހަރު، "ކުއިޓް އިންޑިއާ މޫވްމަންޓްގެ" ދުވަސްވަރު ބިމުގެ އަޑީގައި ސިއްރު ރޭޑިއޯ ސްޓޭޝަނެއް ހިންގުމުގައި އޭނާ އެހީތެރިވެދިނެވެ. އެ ސްޓޭޝަނުން ދިޔައީ އެކިއެކި ސިއްރު ލޮކޭޝަންތަކުން، މުޅި އިންޑިއާގައި މެސެޖުތަކާއި، މުޒާހަރާތަކާއި، ހައްޔަރީންނާއި، އަދި މުޤާވިމާއާ ބެހޭ އަދާހަމަތައް ގެނެސްދެމުންނެވެ.

އެ ސްޓޭޝަނުން ރޭޑިއޯ ސިގްނަލްތައް ފޮނުވާ ތަނެއް ހޯދުމަށް އިނގިރޭސިން ތިބީ ކެތް މަދުވެފައެވެ. އެގޮތުން، އިނގިރޭސި ސިފައިން ފާސްކުރަން އަންނަ ކޮންމެ ފަހަރަކު ރޭޑިއޯ ސްޓޭޝަން އެއްކޮށް ގެއްލެއެވެ.
އޫޝާ މެހެތާ އަކީ އިންޑިއާގެ މިނިވަންކަމުގެ ޖިހާދުގައި ޙަރަކާތްތެރިވި އެންމެ މަޝްހޫރު އެކްޓިވިސްޓެވެ.

އިނގިރޭސި އިސްތިޢުމާރީންގެ އަނިޔާވެރިކަމުގެ ތެރޭގައި ރޭޑިއޯ ސްޓޭޝަން ހިންގުމުގައި އޫޝާ މެހެތާގެ ހިތްވަރާއި، ޢަޒުމުގެ ސަބަބުން އޭނާވެގެން ދިޔައީ އިންޑިއާގެ މިނިވަންކަމުގެ ޖިހާދުގެ ރަމްޒަކަށެވެ. ކޮންގްރެސް ރޭޑިއޯއިން ފޮނުވަމުން ދިޔަ، އޫޝާ މެހެތާގެ އަޑު ވެގެން ދިޔައީ، މިނިވަންކަމުގެ ޙަރަކާތާ ބެހޭ މަޢުލޫމާތު ފެތުރުމާއި، މުޤާވަމާގެ ރޫޙު ދިރުވައި އާލާކުރުމުގެ އެންމެ ވަރުގަދަ އެއް ވަސީލަތަށެވެ. ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޑިއާގެ ދެވަނައަށް އެންމެ މަތީ މަދަނީ އެވޯޑް ކަމަށްވާ ޕަދްމާ ވިބޫޝަން އެކަމަނާއަށް ލިބިވަޑައިގަތެވެ.

އެ ޙަރަކާތުގެ އެންމެ ހުށިޔާރު އަނެއް ޖާސޫސަކީ ނޫރު ޢިނާޔަތު ޚާންއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނުރައްކާތެރި ނެޓްވޯކްތަކުގެ ތެރެއިން ކޯޑް މެސެޖުތަކާއި، ޖާސޫސީ މަޢުލޫމާތު އެއްތަނުން އަނެއްތަނަށް އުފުލުމުގައި، ނޫރު ޢިނާޔަތު ޚާން ޙަރަކާތްތެރިވިއެވެ. އެއް ބަޔަކު އާންމު ދަތުރުވެރިންގެ ގޮތުގައި، ކާބޯތަކެތީގެ ތެރޭގައި ފޮރުވައިގެން ލިޔެކިއުންތައް އެއް ސަހަރުން، އަނެއް ސަހަރަށް އުފުލައި ހެދިއެވެ. އިނގިރޭސިންގެ ކޮންޓްރޯލަށް ވުރެ ބާރަށް، މަޢުލޫމާތު ދިޔައީ ބަދަލުވަމުންނެވެ. އަދި އިނގިރޭސިން ބާރު ދިޔައީ މަޑުމަޑުން އެމީހުންގެ މުށުން ދޫވަމުންނެވެ.

ހިތްވަރުގަދަ އެ ކަނބަލުންނަކީ، މަހާތުމާ ގާނދީ އާއި، ސުބާޝް ޗަންދްރާ ބޯސް އާއި، އަދި ފުޅާދާއިރާއެއްގައި އިންޑިއާގެ މިނިވަންކަމުގެ ޙަރަކާތުގައި ބައިވެރިވި އިސްވާރުންނަށް އެހީތެރިވަމުން ދިޔަ ސިއްރު ޖާސޫސީ ނެޓްވޯރކުގެ ބައެކެވެ. އެމީހުން ދިޔައީ މަޢުލޫމާތު އެއްކޮށް، އިނގިރޭސި ސިފައިން ބަލައި ފާސްކުރުމުގެ ކުރިން، އެކަމާ ބެހޭ މަޢުލޫމާތު، އެ ޙަރަކާތުގެ ބައިވެރިންނަށް ދުރާލައި ފޯރުކޮށްދީ އިންޒާރު ދެމުންނެވެ.

އިނގިރޭސިން، އެ ޙަރަކާތް ނައްތާލުމަށް މަސައްކަތް ކުރަމުން ދިޔައިރު، އިންޑިއާގެ ހިތްވަރުގަދަ ކަނބަލުން ދިޔައީ، އެ ޙަރަކާތް ދިރުވައި އާލާކޮށް، މަޢުލޫމާތު ފޯރުކޮށް ދެމުންނެވެ. އެމީހުންގެ ޔުނީފޯމެއް، ނަމެއް، ތަޢައްރުފެއް، ނެތެވެ. ހަމައެކަނި އޮތީ ހިތްވަރާއި ސިއްރު ހިފެހެއްޓުމެވެ.

އެންމެ ފަހުން، 1947 ގައި އިންޑިއާއަށް މިނިވަންކަން ލިބުނު އިރު، ތާރީޚު އެންމެބޮޑަށް ހަނދާންކުރީ މަޝްހޫރު ތަޤުރީރުތަކާއި، އަދި ސިޔާސީ އިސްވާރުންނެވެ. އެކަމަކު، ފަރުދާގެ ފުރަގަހުގައި އެހެން މީހުންގެ ލޯތަކަށް ނުފެންނަ ހިތްވަރުގަދަ އަންހެނުންގެ ލަޝްކަރަކުން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުން ދިޔަ ކަމެއް ގިނަބަޔަކަށް ނޭނގެއެވެ. އިނގިރޭސި އަމްބަރާޠޫރިއްޔަތުން އިންޑިއާގެ ހިތްވަރުގަދަ އަންހެނުންގެ މަތިން ހަނދާން ނައްތާލިއެވެ. އެންމެ މަދުން ބަލައި ފާސްކުރީވެސް އެކަނބަލުންނެވެ. އަދި އެންމެ ފަހުން ޝައްކު ކުރެވުނު އިރު، އެ ކަންތައް ވެގެން ދިޔައީ އިނގިރޭސި ސަރުކާރުގެ އެންމެ ބޮޑު ބަލިކަށިކަމަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.