ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ނުފޫޒުގަދަ އެއް ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެތެރޭގެ މަސްރަޙު މިދުވަސްވަރު ފެންނަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ތަނެވެ. ވަކިން ޚާއްޞަކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ ޓީމުން ޕާޓީ އެކުވެރިކޮށް، ކުރިއަށް ދިއުމަށް ކުރާ މަސައްކަތްތަކަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ފަރާތުން އެއްބާރުލުން ނުލިބޭކަން މިހާރު ދަނީ ހާމަވަމުންނެވެ.
މިކަމުގެ ހެއްކަކީ، ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބާ ގުޅޭގޮތުން، އައްޑޫ މީދު ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ފޭސްބުކް ޕޯސްޓަކަށް ރައްދު ދެއްވަމުން ފަޒްނާ ވިދާޅުވީ، ރައީސް ނަޝީދުގެ "ބޮޑުބަދަލު" ކެމްޕޭނަކީ ފައްޔާޒު އިސްމާޢީލް ބޮޑުވަޒީރަކަށް އަދި ނަޝީދު ދައުލަތުގެ އިސްވެރިއަކަށް ގެންނަ ގޮތަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ޕާޓީ އެކުވެރިކުރުމަށް އޮތް ހުރަހެއް ކަމަށްވެސް އެކަމަނާ ތުހުމަތު ކުރެއްވިއެވެ.
ރޮޒައިނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މީގެ ކުރިން ރައީސް ނަޝީދާ ދެކޮޅުވީ ޕާޓީ ރޫޅާލަން މަސައްކަތް ކުރެއްވުމުން ކަމަށާއި، ނަމަވެސް މިހާރު އެމަނިކުފާނަށް ތާއީދު ކުރައްވަނީ ޕާޓީ އެއްކުރުމަށް މަސައްކަތް ކުރައްވާތީ ކަމަށެވެ. އެހެންނަމަވެސް، ފަޒްނާގެ ވިސްނުންފުޅު ހުރީ މިއާ މުޅިން ޚިލާފަށެވެ. އެކަމަނާ ސުވާލު އުފެއްދެވީ، ބޮޑުވަޒީރުކަމާއި ދައުލަތުގެ ވެރިޔާގެ މަޤާމު ބަހާލައިގެން ނޫނީ ޕާޓީ އެކުވެރި ނުކުރެވެނީތޯއެވެ؟
މި ވާހަކަތަކުގެ އަސްލު މާނައަށް ބަލާއިރު، ކުރީގެ ފަސްޓްލޭޑީއާއި ރައީސް ސޯލިޙްގެ ޓީމުން ބޭނުންވަނީ ހަމައެކަނި ރައީސް ސޯލިޙްގެ ވެރިކަމެކެވެ. އެކަމަނާ އަލުން ފަސްޓްލޭޑީއަކަށް ވެވަޑައިގަތުމާއި، ފިރިކަލުން ދެވަނަ ދައުރަކަށް އިންތިޚާބުވުން ނޫން އެހެން އެއްވެސް "ޗޮއިސް" އެއް އެ ބޭފުޅުން ބޭނުންފުޅެއް ނުވެއެވެ. ސިޔާސީ ގޮތުން ދޫދިނުމެއް ނުވަތަ އެހެން ފަރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަމެއް އެ ފަރާތުން ނުފެނެއެވެ.
އަނެއްކޮޅުން، ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލްގެ ޓީމުން ދަނީ ޕާޓީގެ މަސްލަހަތަށްޓަކައި ކުރީގައި ހިނގާފައިވާ ހުރިހާ ނޭދެވޭ ކަންކަމަށް މަޢާފަށް އެދި، އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކުރަމުންނެވެ. ނަމަވެސް، ރައީސް ސޯލިޙްގެ ޓީމުން މި ފުރުޞަތުގެ ބޭނުން ހިފުމުގެ ބަދަލުގައި، ފެންނަނީ ސުލްޙަވުމަށް ހުރަސްއަޅައި، ގުޅިގެން މަސައްކަތް ކުރަން ދެކޮޅު ހަދާ މަންޒަރެވެ. މިއީ އެމްޑީޕީގެ ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމެއްކަން ކަށަވަރެވެ