ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ސަރުކާރަށް ވިދާޅުވެއްޖެ އެވެ.
،މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް މެންބަރަކު ހޮވަން މާދަމާ ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނު ނިންމައިލަން ރޭ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރެއްގެ ވިދާޅުވީ މި ސަރުކާރަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުދޭ މިންވަރަށް ފައިސާ ދެވިފައިވާ ކަމަށެވެ.
ގަފޫރް ވިދާޅުވީ ސަރުކާރަށް 170 ބިލިއަން ރުފިޔާ ދީފައިވާއިރު، ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި މިހާތަނަށް ރާއްޖޭގެއެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް މި ސަރުކާރުން ދަރަނި ވެސް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 43 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ އިރު، ގައުމަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން ވައްކަން ކުރުމުގެ ސަބަބުން ކަސްޓަމްސްއަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެސް ޣަފޫރު ތުހުމަތުކުރެއްވި އެވެ.

ގަފޫރް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަމަށް ބުނާ ކޮރަޕްޝަންތައް ހިންގަމުންދާ އިރު، ސަރުކާރަށް ނޭނގި ދެ ތެޔޮ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަތް ދުވަސް ވަންދެން އޮތް ކަމަށެވެ. އަދި އެ ބޯޓުތައް ފަހުން ބެލި އިރު އޭގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި، އެއީ އޮމާނުން ރާއްޖެއަށް "ފެހިކަހަން" އައި ބޯޓުތަކެއް ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ކަސްޓަމްސް އާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ ސިނގިރޭޓަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިތަނުގައި ސަރުކާރެއް އެބަ އޮތްތޯ. މިއީ ވަގުންގެ ބޮޑު ގޭންގެއް މިތާ މިއޮތީ. މުޅި ދައުލަތުގެ ރައްޔިތުންގެ ފައިސާ ވަގަށް ނޮޅައި ކައި ހުސްކުރަމުން މި މީހުން މި ދަނީ،" ގަފޫރް ވިދާޅުވި އެވެ. "ކޮން ފަދަ ހަޔާތްކުޑަ ގޮތެއް ނެތް ވިޔާނުދާ ބައެއް މި ގައުމުގެ ވެރިކަމަށް އައިސްގެން މި އުޅެނީ."
އޭނަ ވިދާޅުވީ ސަރުކާރުގެ އިސްވެރިންނަކީ ލަދުހަޔާތުގެ ކަންފުޅެއް ނެތް، ބުއްދި ފިލާގޮސްފައިވާ ބައެއް ކަމަށެވެ. ގަފޫރް ވިދާޅުވީ
މި ސަރުކާރު ބަލިކޮށް ކުޑަކަކޫ ޖެއްސުމަކީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. ގައުމުގެ ހާލަތު އޮތީ "ކަރުތާފެނުގައި" ކަމަށާއި، އާސަންދަ އާއި ތެޔޮ ނުލިބި ރައްޔިތުން ހާލުގައި އުޅެމުންދާއިރު، ސަރުކާރުން 170 ބިލިއަން ރުފިޔާ ކައި ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.