ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން މާދަމާ ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަނުންވެއްޖެ އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.
އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބައި-އިލެކްޝަނަށް ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.
މާދަމާގެ ބައި-އިލެކްޝަނަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓަ އެވެ. އެއީ ހިތަދޫގައި 5 ފޮއްޓާއި މާލޭގައި 2 ފޮއްޓެވެ. ހިޔަދޫގެ ފޮށިތައް ހުންނާނީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގައި ބަހައްޓާ ފޮށިތައް ހުންނާނީ ދަރުމަވަންތަ ސްކޫލްގަ އެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ. މާދަމާ ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.