Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދިޔަމިގިލީ ސްކޫލްގެ އާ އިމާރާތް ހަދަނީ ސިފައިން

ސިފައިންނާ ހަވާލުކޮށްގެން މިހާރު އިމާރާތް ކުރަމުން އަންނަ ތ. ދިޔަމިގިލީ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު ވަނީ އިއްޔެ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލު ކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުން ފިލުއްވައިފަ އެވެ.

އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ގެ ފަންނީ ސިފައިންގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މި މަސައްކަތުގައި މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިންމައިފަ އެވެ.

ދެ ބުރީގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގައި މިހާރު ކުރަމުން އަންނަނީ އިމާރާތުގެ ފުރާޅުގެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތާއި، ފުރަތަމަ ފަންގިފިލާގެ ފާހާނާތައް ނިންމައި އެ ފަންގިފިލާގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، ތިރީ ފަންގިފިލާގެ ފާރުތަކާއި އެ ފަންގިފިލާގެ ފާހާނާތައް ރޭނުމުގެ މަސައްކަތެވެ.

މީގެ އިތުރުން ސިފައިންނާ މި މަސައްކަތް ހަވާލުވި އިރު އިމާރާތުގެ ބައެއް ތަނބުތަކާއި ކޮލަމްތަކަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަނެ، އެ ތަންތަން މަރާމާތުކޮށް އިތުރަށް ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެމްއީގެ ފަންނީ ސިފައިން ކުރަމުންދާ މި މަސައްކަތަކީ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ. އެގޮތުބން ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތް ނިންމުމަށް ޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި .ދިޔަމިގިލީ ކައުންސިލާއި، ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސްކޫލް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފެށީ މާޗް 31 ގަ އެވެ. ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 ޕަސެންޓެވެ.