Last Updated: April 29, 22:11
Monday, April 29, 2024
ކޮލަމް

ރައީސް ޔާމީން، ކޮބާހޭ އައިޓީ ޕާކު! މިހާރު 875 ދުވަސް މިވީ!

އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އައްޑޫގައި އައިޓީ ޕާކެއް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވި ފަހުން މިއަދަށް 875 ދުވަސް ވީއެވެ.

އައްްޑޫގެ ޒުވާނުންނަށް އައިޓީ ޕާކެއް ހަދައިދޭނެ ކަމަށް ވިދާޅުވި ފަހުން މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޙާބު ވެވަޑައިގެން އައްޑޫއަށް ކިތަންމެ ދަތުރުފުޅެއް ވެސް ކުރައްވައިފީމުއެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެެވެ.

މާ ބޮޑު ހަރަދަކާ ނުލައި އައިޓީ ޕާކެއް ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން މަނިކުފާނަށް ވަރަށް ބޮޑަށް އޮންނަވައިގެން އެވާހަކަ ދެއްކެވި ނަމަވެސް މިހާތަނަށް އައިޓީ ޕާކު ޤާއިމްކުރުމުގެ އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ނުފެނެއެވެ. އެއީ ކީއްވެގެން ތޯއެވެ؟ އައިޓީ ޕާކަކީ ފަލްސަފާއަކަށް ވީތޯއެވެ؟

އައިޓީ ޕާކޭ ވިދާޅުވެ ވާހަކަ ފުޅުދެއްކެވުމަށް ފަހު މަނިކުފާނުގެ ވެރިކަން ލިބިވަޑައިގަތުމުން އެވާހަކަ ދެއްކެވުން ހުއްޓަވާލެއްވީ ކީއްވެގެންތޯ ބަލަން އައްޑޫގެ ޒުވާނުން މިތިބީ ކެތްމަދުވެފައެވެ. މަނިކުފާނުގެ އަރިސްބޭފުޅުން ސިފަކުރައްވާ ގޮތުގައި މަނިކުފާނަކީ، އިޤްތިސާދީ މާހިރެކެވެ. އެހެން ކަމުން އައިޓީ ޕާކްގެ ވާހަކަ ދެއްކުން ހުއްޓާލެއްވީ އެފަދަ ތަނެއް ޤާއިމްކޮށްފި ނަމަ އިޤްތިސާދަށް ގެއްލުން ވެދާނެތީ ހެއްޔެވެ؟

ދަންނަވަންތޯ އެވެ ! މަނިކުފާނު ވިދާޅުވެފައި ވަނީ " މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " ކަމަށެވެ. މިފަދަ ޚަރަދު ކުޑަ ކަމެއް ކުރައްވަން ސަރުކާރުގެ ބަޖެޓުގައި ފައިސާ ނެތީ ހެއްޔެވެ؟ ނުވަތަ މަނިކުފާނަށް 'ސަދަޤާތް' ދެއްވާ ވިޔަފާރިވެރިންގެ ފަރާތުން ވެސް އައިޓީ ޕާކު ޤާއިމްކުރާނެ ލާރިއެއް ލިބިވަޑައިނުގަންނަވަނީ ތޯއެވެ؟

އަޅުގަނޑުމެން މި އައްޑޫގައި ދުއްވާ ވެހިކަލްތަކަށް ކޮންމެ އަހަރަކު ދައްކާ އަހަރީ ފީ އާއި، ޖީއެސްޓީގެ ގޮތުގައި ރައްޔިތުން ދައްކާ ލާރި މާލެ ގެންދިއުމަށް ފަހު، މާލެ އާއި ހުޅުމާލެއަށް ޚަރަދުކޮށް ހުސްކޮށްލައްވާއިރު، ހަމަ މި ޚަރަދު ކުޑަ އައިޓީ ޕާކު ޤާއިމްކުރަން މަނިކުފާނަށް އޮތް ހުރަހަކީ ކޮބައިތޯއެވެ؟

" މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން "

މަނިކުފާނު މީގެ 875 ދުވަސް ކުރިން އެހެން ވިދާޅުވިއެވެ. އަޅުގަނޑުމެން ހަނދާން އެބަހުއްޓެވެ.

ރައީސް ޔާމީން އެވެ ! މަނިކުފާނުގެ އައިޓީ ޕާކް ވަޢުދަށް 415 ދުވަސް ވުމުން ވެސް ހަނދާންކޮށް ދިނީމެވެ. 700 ދުވަސް ވާން ކައިރިވުމުން އަދި 813 ދުވަސް ވުމުން ވެސް ހަނދާންކޮށްދިނީމެވެ. މިހާރު ހަނދާންކޮށް މިދެނީ، 875 ދުވަސް ވުމުންނެވެ. މަނިކުފާނު ފަޚުރުވެރިކަމާއި އެކު މިއީ ޒުވާނުންގެ ސަރުކާރޭ ވިދާޅުވާއިރު، އަޅުގަނޑުމެންގެ ގާތަށް އަންނަނީ ހިންޏެވެ. މަނިކުފާނުގެ ތުއްތޮންބެ ވިދާޅުވާ ޒާތުގެ ހިންޏެކެވެ.