Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޓޫރިޒަމްގައި އާންމުންގެ ބައިވެރިވުން އިތުރުކުރަން އެއްބަސްވުމެއް

ޓޫރިޒަމް ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން، "ޕީޕަލް ސެންޓާޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަމަންޓް މޮޑެލް" ތައާރަފުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ސީދާ ރަށްރަށުގެ އާންމު ރައްޔިތުންނަށް ފޯރުކޮ ށްދިނުމުގެ މަގުސަދުގައި ފެށުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންދާ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ބ. އަތޮޅުގައެވެ. އެގޮތުން މި ޕްރޮގްރާމް ހިންގާނީ އެ އަތޮޅުގެ ދަރަވަންދު އއި ދޮންފަނާއި ކިހާދޫ އަދި ކުޑަރިކިލުގަ އެވެ.

މި މަޝްރޫއަކީ ހާއްސަކޮށް އަންހެނުންނާއި، ޒުވާނުންނާއި، އަދި އިސްރަށްވެހިންނަށް ޓޫރިޒަމް ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

ޓޫރިޒަމްގެ ސަބަބުން ރަށުގެ އިޖުތިމާއީ ފޭރާމަށާއި ސަގާފަތަށް އަތުވެދާނެ ބަދަލުތަކަށް ސަމާލުކަންދީ، ރައްޔިތުން އެދޭ ގޮތަށް ސިނާއަތު ބައްޓަން ކުރުމަކީ މި މޮޑެލްގެ މައިގަނޑު އަމާޒެވެ. ޔޫއެންއެފްޕީއޭ އިން މިކަމުގައި ބައިވެރި ވަނީ މުޖުތަމައުގެ ނާޒުކު ފަރާތްތައް ބާރުވެރިކުރުވުމާއި، އާބާދީގެ ތަރައްގީގައި ހަމަހަމަކަން ގާއިމުކުރުމުގެ މަގުސަދުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ފުރަތަމަ ފިޔަވަހީގައި ކުރިއަށް ދާނީ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ހަދާ މެޕިންގެ މަސައްކަތްތަކެވެ.

މި މެޕިންގް މަރުހަލާގައި ރަށުގައި ހުރި ގުދުރަތީ އަދި ސަގާފީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތަކުގެ ގާބިލުކަމާއި، އަދި ފަތުރުވެރިކަމަށް ބޭނުންކުރެވިދާނެ އުފެއްދުންތެރި ހިޔާލުތައް ދެނެގަނެވޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްތަކުގައި މެޕިންގް މަސައްކަތްތައް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވެ ފައެވެ. އަދި އެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.