Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަސް ދުވަހުގެ ވާދަވެރި، ފޯރިގަދަ ކެމްޕެއިން ނިންމާލައިފި

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ގާތްގަނޑަކަށް މަސް ދުވަސް ވަންދެން ކުރަމުން އައި ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިން ދެ ކެންޑިޑޭޓުން ވެސް ނިންމާލައިފި އެވެ.

މާދަމާ އޮންނަ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ. އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.

އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ދެ ކެންޑިޑޭޓުން ވެސް ވަނީ ހަރަކާތްތަކެއް ބާއްވާފަ އެވެ. އެގޮތުން ދާއިރާގެ ބައެއް މަގުތަކުގައި ބޭއްވި ހިނގާލުމަކުން ސޮޑާ ކެމްޕޭން ނިންމާލިއިރު، ސޯބެ ކެމްޕޭން ނިންމާލީ ދާއިރާގެ ރައްޔިތުންނަށް ބޭއްވި ސައިފޮދަކުންނެވެ.

ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމަށް ބޭއްވި ހަރަކާތްތަކުގައި ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

މާދަމާގެ ބައި-އިލެކްޝަނަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓަ އެވެ. އެއީ ހިތަދޫގައި 5 ފޮއްޓާއި މާލޭގައި 2 ފޮއްޓެވެ. ހިތަދޫގެ ފޮށިތައް ހުންނާނީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގައި ބަހައްޓާ ފޮށިތައް ހުންނާނީ ދަރުމަވަންތަ ސްކޫލްގަ އެވެ.

މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ. މާދަމާ ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.