އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެނަކު 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަހީދުލްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާކަމުގެ މަޢުލޫމާތު އެ އަންހެން މީހާގެ ފަރާތުން ލިބިފައިވާ ކަމަށް މައްސަލަ ތަޙުޤީޤުކުރާ އައިއޯ ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ކޯޓުގައި އޭނަ ވަނ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ނަހީދުލް ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ނަހީދުލް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްކަމަށް ކޯޓުން ނިންމީ، ޝަރީޢަތް ކުރުމާ ގުޅޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވާތީއެވެ. އެގޮތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭކަމަށް އަމުރުގައިވެ އެވެ.