ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ މި ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
އޭނަ ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ މިހާރު އުވާލާފައި އޮތް ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. އެ ޕާޓީ މި ހަފުތާގައި އިލެކްޝަން ކޮމިޝަނުން އުވައިލި އިރު، ޕާޓީ އުވައިލަން ނިންމާފައި އޮތުމުނ ޝުޖާއު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްސޮއި ކުރައްވައި ޝުޖާއު އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ ޅ. ގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުމަށް ފަހު އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވުމުން ކައުންސިލު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވެފައި ވަނ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އެހެން ޕާޓީއަކާ ގުޅުނު ކަމަށް މާނަކު ރެވޭނެ ކަމަށް ގަބޫލުނު ކުރައްވާ ކަމަށެވެ.
އެލްޖީއޭގެ ސިޓީގައި ވަނީ ކައުންސިލްގެ ރައީސް ޝުޖާއު މި އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށް ފަހު ދައުރު ފެށުނު ފަހުން މެއި މަހުގެ 19 ވަނަ ދުވަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލުވާލައިފި ނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.