Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަޝްރޫއުތައް ކުރިއަށްގެންދަނީ ތިމާވެށި ހިމާޔަތްވާނެ ގޮތަށް

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ތިމާވެށި ވެސް ހިމާޔަތްވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ޕަލްސް" ގެ ނަމުގައި ސަރުކާރުން ފެށި ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމަކީ ތަރަައްގީގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި ނަމަވެސް ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ ކަމަށެވެ. އެގޮތުން މިސާލަކަށް ރަސްމާލޭ ހިއްކާއިރުގައި މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމުތަކާއި އަދި އެހެންތަނެއްގައި މުރަކަ އިންދުން ފަދަ ކަންކަން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށް ދާނީ ތަރައްގީ އާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް ކަމަށާއި އެގޮތުން ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ ރާއްޖެ އިން މިސާލު ނަގަން ބޭނުންވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމަށް އެން ބޭނުންވާއިރު ތަަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާ ކަމަށާއި އެހެންވެ އެންވެރިކަން ނުގެއްލޭނެ ގޮތަށް ސަރުކާރުން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރަން ވާހަކަ ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭގޮތަށް ވަށާޖެހޭ ގޮތަށް. މީގެ ކުރީގައި އެ ސަމާލުކަން ދެމިފައި ނެތޭ. ހަމައެކަނި ތަރައްގީގެ މަސައްކަތް ތިމާވެށި ހިމާޔަތްކުރުމުގެ އެއް ބައި މި ކުރިއަށް ގެންދަނީ،" ރައީސް ވިދާޅުވި އެވެ.