Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް

ދަރަނި އަނބުރާ ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރައްޔިތުން ނިކަމެތިނުކޮށް ދަރަނި ދައްކަންޖެހޭ ކަމަށާއި އެގޮތުން ދަރަނި އަނބުރާ ދައްކަން ޖެހެނީ ތަނަވަސްކޮށްގެން އިތުރުކޮށްގެން، ރައްޔިތުންނަށް ލިބޭ އެއްޗެއް ގިނަކޮށްގެން އަދި ޓެކްސް ބޭސް ބޮޑުކޮށްގެން ކަމަށެވެ. މިގޮތަށް ދަރަނި ދެއްކުން ދުނިޔޭގައި އާންމުވާން ޖެހިފައިވާ ކަމަށާއި އައިއެމްއެފް ފަދަ އިދާރާތަކުން މިކަމަށް ހޭލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދަރަނީގެ ދަންތުރައިގައި ޖެހިގެން އެފްރިކާގެ އެތައް ގައުމެއް ބިކަވަމުންދާތަން ފެންނަމުންދާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެހެން ނުހެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖެއިން ދަރަނި ދެއްކޭނީ އަޅުގަނޑުމެން ތަނަވަސްވެގެން، އަޅުގަނޑުމެން ފަގީރުވެގެނެއް ނޫން. އެމްޑީޕީ އަކީ މި މަސައްކަތް ކުރަން އޮތް ޕާޓީ. އަޅުގަނޑަށް އެނގޭ މި ޕާޓީ މެދުވެރިކޮށްގެން މި މަސައްކަތް ކުރެވޭނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި މަސައްކަތް ނުކޮށް ދިވެހިންނަށް މުސްތަގުބަލެއް ހޯދެން ނެތް ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލީ އެ މުސްތަގުބަލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ބަދަލުވަމުންދާ ދުނިޔެއެއްގައި، ރާއްޖެއިން ސާބިތުކަމާ އެކު ފައިހަރުކޮށް، ދިވެހިންނަކީ ގަދަރުވެރި އަދި މި ސަރަހައްދާއި ދުނިޔެއަށް ވެސް ފެންނާނެ ބަޔަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ވިސްނަވާތި މިހިރަ ހުރިހާ ކުލަބޮކި. ވިސްނަވާތި މިހިރަ ހުރިހާ ބިއްލޫރި، މިހިރަ ހުރިހާ ކޮންޓްކްރީޓް. އެއީ އިސާހިތަކު އަޅުގަނޑުމެން އަތުން ބީވެ ހިނގައިދާނެ އެއްޗެއް. ބުއްދިވެރިކަމާއެކީގައި މިކަން އަޅުގަނޑުމެން ނުކޮށްފި ނަމަ ރާއްޖެ ސަލާމަތެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.