އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުވެސް ކާމިޔާބު ކުރައްވާފައިވާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ޗެއާޕާސަން އިންތިހާބު ކާމިޔާބުވެފައިވާ ކަމަށާއި ދެން އޮތީ ބާކީ އޮތް ހަފްތާއެއް ތެރޭގައި ތައްޔާރުވެ، ވޯޓު ފޮއްޓާއި ހިސާބަށް ވޯޓު ގެންދިޔުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ނަޝީދަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް ފައްޔާޒު ވަނީ ގޮވާލާފަ އެވެ.
ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީ ވަރުގަދަވެގެން ދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ނަޝީދުގެ ޗެއާޕާސަން ކަމުގައި ހުރިހާ އެންމެންނާއި އެކީގައި މަސައްކަތް ކުރާނެ ކަމާމެދު ވެސް ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ބައެއް މެމްބަރުން ހިތުގައި ޖެހިފައި ތިއްބަސް މިހާރު އޮތް ހާލަތުން ސަލާމަތް ވެވޭނީ އެމްޑީޕި ވަރުގަދަކޮށްގެންކަން ޕާޓީގެ އާންމު މެމްބަރުންނަށް އެނގޭ ކަމަށާއި ނަމަވެސް އެ އިހުސާސްތަކަށް ވުރެ މިއަދު ގައުމުގެ ދަރިންގެ މުސްތަގުބަލު މާ މުހިންމު ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު ބަލައިގަންނަ މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އަދި އެމަނިކުފާނު އެއްޗެއް ވިދާޅުވީމާ އެކަން ގަބޫލުކުރާނެ އަދި ގަބޫލުކުރާ ގިނަ ރައްޔިތުން ރާއްޖޭގައި ތިބި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ ކުރިއަށް ގެންދެވޭނެ އިތުރު އެހެން މީހަކު މިގައުމުންވެސް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.