Last Updated: June 6, 22:41
Saturday, June 6, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި ކުޅެން އިރާން ޓީމަށް ވިސާ ދީފި

ފީފާ ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދިއުމަށް އިރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ބޭނުންވާ ވިސާ ދީފި އެވެ.

އެމެރިކާގެ ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ވޯލްޑް ކަޕްގައި ކުޅެން އިރާންގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވިސާ ދީފައިވާ ކަމަށެވެ.

ވޯލްޑް ކަޕްގައި ކުޅެން އިރާނުގެ ޓީމުގެ ކުޅުންތެރިންނަށް ވިސާ ދިން ނަމަވެސް އެޓީމުގެ ގިނަ އަދަދެއްގެ ސްޓާފުންނަށް އެމެރިކާއިން ވިސާ ދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެތެރޭގައި ޓީމުގައި ހިމެނޭ ބައެއް ކޯޗުންނާއި، ޓްރެއިނަރުންނާއި، އެނަލިސްޓުންގެ އިތުރުން މެޑިކަލް ބައެއް ފަރާތްތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެއިތުރުން އިރާނުގެ ފުޓްބޯޅަ އިދާރާގެ ރައީސް މެހްދީ ތާޖަށް ވެސް ވިސާ ހަމަޖައްސާދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ އަކީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކުރީގެ ކޮމާންޑަރެކެވެ.

ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ އެމެރިކާގެ ލޮސް އެންޖެލްސްގައި، ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.