Last Updated: June 6, 22:41
Saturday, June 6, 2026
ރިޕޯޓް

އިސްލާމް ދީނާއި ތިމާވެށި!

އިސްލާމް ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް މަގުދައްކައިދޭ ފުރިހަމަ ދީނެކެވެ. މީގެ ތެރެއިން ތިމާވެށި ހިމާޔަތް ކުރުމާއި، ކާއިނާތުގައިވާ ދިރުންތަކަށް ރައްކާތެރިވުމަކީ އިސްލާމް ދީން ވަރަށް ބޮޑު އަހައްމިއްޔަ ތުކަމެއް ދީފައިވާ މުހިންމު ކަމެކެވެ.

އިސްލާމް ދީނުގައި ތިމާވެއްޓަށް ދީފައިވާ ސަމާލުކަން ހާމަވާ މައިގަނޑު ބައެއް އަސާސްތައް ތިރީގައި މި ވަނީއެވެ.

1. އިންސާނާއަކީ ބިމުގެ ޚަލީފާއެއް

ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، ތަޢާލާ ވަނީ އިންސާނާއަކީ ބިމުގެ ޚަލީފާއެއް (ޒިންމާދާރު ބަލަހައްޓާނެ ފަރާތެއް) ކަމުގައި ލައްވާފައެވެ. ބިމުގައިވާ ނިޢުމަތްތަކަކީ އިންސާނާއަށް އަމާނާތެއްގެ ގޮތުގައި ދެއްވާފައިވާ ތަކެއްޗެވެ. އެހެންކަމުން، ބިމުގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް ހަލާކުނުކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ ދީނީ ޒިންމާއެކެވެ.

2. އިސްރާފު ކުރުން މަނާ ކުރެއްވުން

ކަނޑާއި، ފެނާއި، ޖަންގަލިތަކާއި، ވައިގެ ނިޢުމަތް ބޭނުންކުރުމުގައި އިސްރާފުނުކުރުމަށް ދީނުގައި ވަނީ ހަރުކަށިކޮށް އަންގަވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވަނީ ހިނގަމުންދާ ކޯރެއްގެ ކައިރީގައި ހުރެގެން ވުޟޫކުރި ކަމުގައިވިޔަސް ފެން އިސްރާފުނުކުރުމަށެވެ. މިއިން އެނގެނީ ކިތަންމެ ގިނައިން ވަސީލަތްތައް ހުއްދަވެފައި ހުރި ނަމަވެސް، އިސްރާފުކުރުމަކީ ތިމާވެއްޓަށްދެވޭ ގެއްލުމެއް ކަމުގައިވާތީ އެކަން މަނާ ކުރައްވާފައިވާކަމެވެ.

3. ބިމުގައި ފަސާދަކުރުން މަނާ ކުރެއްވުން

ބިމުގެ ގުދުރަތީ ވެށި ހަލާކުކޮށް، ތަޣައްޔަރުކޮށް، ފަސާދަކުރުން ތަޢާލާ ވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ: (ولا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا) (އަލްއަޢުރާފް: 56) މާނައީ: "އަދި ބިން އިޞްލާޙްވުމަށް ފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!" މީގެ ތެރެއަށް ވައި ނުސާފުކުރުމާއި، ކަނޑުތަކަށް ކުނިއެޅުމާއި، ގަސްގަހާގެހި ކަނޑައި ހަލާކުކުރުން ފަދަ ތިމާވެއްޓަށް ގެއްލުންދޭ ހުރިހާ ކަމެއް ވަދެގެންދެއެވެ.

4. ގަސް އިންދުމާއި ދަނޑުވެރި ކަމަށް ބާރުއެޅުން

ތިމާވެށި ފެހިކުރުމަށާއި، ގަސް އިންދުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުސްލިމަކު ގަހެއް އިންދައި، ނުވަތަ ދަނޑެއް ހަދައި، އެއިން ދޫންޏެއް، ނުވަތަ އިންސާނެއް، ނުވަތަ ޖަނަވާރެއް ކައިފިނަމަ، އެމީހަކަށް އެކަމުން ސަދަގާތެއްގެ ސަވާބު ލިބޭނެއެވެ." (ޞަޙީޙުލް ބުޚާރީ) މިއީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ދީނުގައި ދެއްވާފައިވާ މަތިވެރި ސަމާލުކަމުގެ ހެކިބަހެކެވެ.

5. މަގުމަތިންނާއި ހިޔާދޭ ތަންތަނުން އުނދަގޫތައް ފިލުވުން

މީހުން ހިޔާވާން ތިބޭ ގަސްގަހާގެހީގެ ދަށަށާއި، ހިނގާ ބިނގާވެއުޅޭ މަގުތަކަށް ކުނިއެޅުމާއި ނަޖިސްކުރުން އިސްލާމްދީނުގައި ވަނީ މަނާ ކުރައްވާފައެ ވެ. އަދި މަގުމަތިން މީހުންނަށް އުނދަގޫވާ ތަކެތި (ކުނި، ހިލަ، ކަށި ފަދަ ތަކެތި) ފިލުވުމަކީ އީމާންކަމުގެ ގޮތްޕެއްގެ ގޮތުގައި ވަނީ ލައްވާފައެވެ.

ޚުލާޞާކޮށް ބުނާ ނަމަ، އިސްލާމް ދީނުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ހަމައެކަނި ދުނިޔޭގެ ސިއްހަތާއި އިގްތިޞާދާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ އާޚިރަތުގެ ސަވާބާއި، ތަޢާލާގެ ރުއްސެވުން ލިބުމާ ސީދާ ގުޅިފައިވާ އަޅުކަމެކެވެ. ތިމާވެށި ސާފުތާހިރުކޮށް، ދިރުންތަކަށް އޯގާތެރިވުމަކީ މުސްލިމެއްގެ ސިފައެކެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.