Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ގައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން ފަށައިފި

އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މި އަހަރު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން އިއްތެ ފަށައިފި އެވެ.

އޮޑިޝަން ބުރު ކުރިއަށް ގެންދަނީ އަތޮޅުތައް ވަކިންނެވެ. އެގޮތުން އިއްޔެ އާއި މިއަދުގެ އޮޑިޝަން ބުރު ކުރިއަށް ދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ށ. ފުނަދޫ އަދި ނ. މަނަދޫގަ އެވެ.

މި މަހުގެ 12 އާއި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައި އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، 19 އާއި 20 ގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަން ބުރު އޮންނާނެއެވެ. އަދި މި މަހުގެ 26 އާއި 27 އި ލ. ފޮނަދޫ، ގއ، ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ހިތަދޫ އަދި އައްޑޫ މީދޫގައި އޮޑިޝަން ބުރު ބޭއްވުމަށް ތާވަލުކޮށްފައިވެ އެވެ.

މާލެ އަތޮޅުގެ ރަށްތަކަށް ބާއްވާ އޮޑިޝަން ބުރު އަންނަ މަހުގެ 3 އާއި 4 މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މާލޭގެ އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5-11 އަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންގައި މުޅި ރާއްޖެއިން 3،053 ބައިވެރިން ބައިވެރިވެފައިވެ އެވެ.

އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، 80 ޕަސެންޓަށް ވުރެ މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، 85 ޕަސެންޓުން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.

ގައުމީ ޤުރްއާބް މުބާރާތުގެ ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ ދެ ފެނަލްގައި ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ އެއް ފަޑިޔާރަކު މަދުވެގެން އިންނާނެ އެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން ގަދަ ތިނެއް ވެސް ހޮވާނެ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުން ގެބައިން އެއް ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދޭނެ އެވެ.

ގައުމޫ ޤުރްއާން މުބާރާތް ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.