Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

އަލީ މަރާލާފައި ވަނީ ދުރާލައި ރާވައިގެން: ޕޮލިސް

އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން.

މިމަހުގެ ދެވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ، އަލީ އަބްދުﷲ މަރާލާފައިވަނީ، ދުރާލާ ރާވައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން މިހާރު ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވިދާޅުވީ އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

އަލީ އަބްދުﷲ މަރާލާފައި އޮތްވައި ފެނުނު ތަން ކޮނެގެން ބަލާފައިވާ ކަމަށާއި، އަލީ އަބްދުﷲ ގެ ހަށިގަނޑު ދަމާފައި ގެންދިޔަ ކަމުގެ ހެކި ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އެކެއްގެ ފަރާތުން ތަހްގީގަށް އެއްބާރުލުން ލިބެމުންދާ ކަމަށާއި، އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވުމުން ލިބުނު ފައިސާ ވެސް ފުލުހުންނަށް ދައްކާފައިވަނީ އެމީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“އޭނާއަށް އެކަމުން ލިބިފައިވާ ފައިސާވެސް ދެއްކީ އަމިއްލައަށް ގޮސް. ރިލޯޑް ފޯނުގައި ހުރި ފައިސާވެސް ހަމަ އެރޭ ވަނީ އެހެން ފޯނަކަށް ޓްރާންސްފާ ކޮށްފައި” އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވިއެވެ.

އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކީ އަލީ އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.