Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހިތަދޫ އުތުރު ބައި-އިލެކްޝަން: 530 މީހަކު ވޯޓްލައިފި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންފެ ވޯޓްލުން މިހާރު ކުރިއަށްދާ އިރު، ވޯޓްލާން ފެށިތާ ދެ ގަޑިއެެއްހާ އިރު ތެރޭގައި 530 މީހަކު ވޯޓްލައިފި އެވެ.

ހެނދުނު 8:00 ގައި ވޯޓްލާން ފެށި އިރު، 10:00 އާ ހަމައަށް ވޯޓްލާފައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 12.86 ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެގޮތުން 530 މީހަކު ވޯޓްލީ އިރު، އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެނުންނާއި 242 އަންހެނުންނެވެ.

މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ.

ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ވޯޓަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ ހިތަދޫގައި ބެހެއްޓި 5 ފޮއްޓާއި މާލޭގައި ބެހެއްޓި 2 ފޮއްޓެވެ. ހިތަދޫގެ ފޮށިތައް ހުރީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގެ ފޮށިތައް ހުރީ ދަރުމަވަންތަ ސްކޫލްގަ އެވެ.

ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.