ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ފޯރިގަދަވެފައިވާ އިރު، މި އިންތިޚާބަކީ ޕާޓީގެ މުސްތަގުބަލާ ގުޅިފައިވާ ނުހަނު މުހިންމު ނިންމުމެއް ނިންމާނެ އިންތިޚާބެކެވެ. މީކާއިލް ނަސީމްގެ ކޭމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުތަކަކީ މިވަގުތު ސިޔާސީ މަސްރަހުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި މިއީ މުސްތަގުބަލަށްޓަކައި ޒުވާން ލީޑަރުން އިސްކުރަންވީ ވަގުތެވެ. އެހެންކަމުން، މި އިންތިޚާބަކީ ރައީސް ނަޝީދު ފަދަ ތަޖުރިބާކާރު ބޭފުޅުން ވާދަކުރަންވީ ތަނެއް ނޫން ކަމަށާއި، މީކާއިލް ފަދަ ޒުވާނުން ހޮވަން ޖެހޭ ކަމަށް އެމަނިކުފާނު ވަކާލާތު ކުރެއްވި އެވެ.
ނަމަވެސް، އެމްޑީޕީގެ ހަރުމީހުންނާއި އާންމު ގިނަ މެމްބަރުންގެ ވިސްނުން މިކަމުގައި ރައީސް ޞާލިޙްގެ ވިސްނުންފުޅާ މުޅިން ތަފާތެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މީކާއީލަކީ ގާބިލު ބޭފުޅެއް ނަމަވެސް، ޕާޓީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބޭނުން ވަނީ ތަޖުރިބާކާރު، ހަރުދަނާ ލީޑަރެކެވެ. މިވަގުތު އެމްޑީޕީ އަށް އެންމެ މުހިންމީ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއި ހިންގުންތެރިކަމެވެ.
ރައީސް ޞާލިޙް ޒުވާނުންނަށް ފުރުސަތު ދިނުމުގެ ވާހަކަ ދައްކަވާއިރު، އަމިއްލަފުޅު ސިޔާސީ ހަޔާތަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޒުވާނަކަށް ފުރުސަތު ނުދީ އެމަނިކުފާނު ވަނީ 25 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުގެ ގޮނޑި ފުރުއްވާފައެވެ. އަދި ފަސް އަހަރުގެ ރިޔާސީ ދައުރަކަށްފަހު، ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީވެސް ޒުވާނުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި އަމިއްލަ އެދުން އިސްކުރުމުންނެވެ. ޑރ. މުހައްމަދު މުޢިއްޒަށް ވެރިކަން ލިބުނީވެ ސް، ރައީސް ޞާލިޙް ވާދަނުކުރަންޖެހޭ އިންތިޚާބެއްގައި ވާދަކުރައްވައި ޕާޓީ ބައިބައިކޮށްލުމުންނެވެ.
މިއަދު ވެސް ފެންނަނީ 2028 ގެ ރިޔާސީ އިންތިޚާބަށް ފޫގަޅައިގެން ހުންނެވި ތަނެވެ. މިހާރު އެ ކުރައްވާ މަސައްކަތަކީ ޒަމާންވީ އެކުވެރިންނާ ދެކޮޅަށް، އަމިއްލަފުޅު ބާރު ހިންގޭނެ "ގޮނޑިކޮއްކޮ" ސީޕީއަކު އެމްޑީޕީގެ އިސްމަގާމަށް ގެނައުމެވެ. ސުވާލަކީ، މުސްތަގުބަލަށްޓަކައި ޒުވާނުން ހޮވާ ގޮތަކީ ހަމަ މިއީބާވައެވެ؟
ކޮންމެ މަގާމަކީވެސް އަމާނާތެކެވެ. މީހަކާ ހަވާލުކުރެވުނު މަސްއޫލިއްޔަތެއް ބޮއްސުންލައިގެން ގޮސް، ޕާޓީ ފުނޑުފުނޑުވެގެން ދިޔައިރު އެކަން ހައްލުނުކުރެވުނު މީހަކު، އަލުން އެކަން ހައްލުކުރާނެ ވާހަކަ ދެއްކުމަކީ އިތުބާރު ހިފޭނެ ކަމެއް ނޫނެވެ.
އެމްޑީޕީގެ އާންމު މެމްބަރުން ސަމާލުވާންވީ ކަމަކީ، ޗެއާޕާސަންގެ މަގާމަކީ ޕާޓްޓައިމް ވަޒީފާއެއް ނޫން ކަމެވެ. އެއީ 24 ގަޑިއިރު ޕާޓީގެ މަސައްކަތުގައި އުޅެވޭނެ، ދުނިޔެ އަށް ލޯހުޅުވިފައިވާ ތަޖުރިބާކާރު ލީޑަރަކު ބޭނުންވާ މަގާމެކެވެ.
މިހާރުގެ ސަރުކާރުން ބޭނުން ވަނީ މަޖިލިސް މެމްބަރަކު އެ މަގާމަށް ގެނެސް، ހަފްތާ ބަންދުގައި އެކަނި ހަރަކާތްތެރިވާ، ނިދާފައި އޮތް ޕާޓީއަކަށް އެމްޑީޕީ ހެދުމަށެވެ. ނުވަތަ ރައްޔިތުން "ނޫނެކޭ" ބުނުމުން ވެސް، ވަކި ބައެއްގެ އަތްދަށުގައި ޕާޓީ ހިސާރުކޮށްފައި ބޭއްވުމެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކާއި "ކަޅުދަބަސް" ބޭނުންކޮށްގެން، 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް އެމްޑީޕީ ބަލިކަށިކޮށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. "ޓީމު އިތުބާރު" އަށް ފަންޑުކުރަމުންދަނީ ސަރުކާރުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސަރުކާރުގެ އެޖެންޓުން ދަނީ އެ ޓީމަށް ތާއިދު ހޯދުމަށް ހަރަކާތްތެރިވަމުންނެވެ. މިއީ މަޖިލީހުގެ ތެރެއިން ރުހުން ވިއްކާލި ފަދައިން، 2028 ގެ އިންތިޚާބު ސަރުކާރަށް ވިއްކާލުމަށް ހަދާފައިވާ ނުރައްކާތެރި ޑީލެކެވެ.
އެމްޑީޕީގެ އާންމު މެމްބަރުން މިކަމަށް ހޭލުންތެރިވެ، ޕާޓީގެ އަސްލު ރޫހު ދަމަހައްޓާނެ ލީޑަރަކު ހޮވުމަކީ މިއަދު މަޖުބޫރު ކަމެކެވެ.