Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

މުޅި "ރާއްޖެތެރެ" ފުނޑާލައި، މާލެ ތޮއްޖައްސައި "ކުލި ހޯދުމުގެ" ބޮޑު މަޝްރޫއު ޔަޤީން!

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ މި ސަރުކާރުގެ ކުރިއެރުމާމެދު ޙަސަދަވެރިވަނީ. މިވަރަށް މުޅި ރާއްޖެ ތަރައްޤީ ކުރައްވާ ވެރިއަކު ދެކުނިންތަ؟ ނުފެންނާނެ. މި ސަރުކާރުން މިދަނީ އެއްވެސް އިސްތިސްނާއެއް ނެތި މުޅި ޤައުމު ތަރައްޤީކޮށްދެމުން. ކިތައް ފުޓްސެލް ދަނޑު އަޅައިފިތޯ؟ ކިތައް ބޭސްފިހާރަ ހުޅުވައިފިތޯ؟ އަނެއްކާ ލާމު ގަމުގެ ބޮޑު މަގު ހަދައި އެ ނިމެނީ. ދެން ބްރިޖް ވެސް ނޭޅޭނެޔޭ ބުނި މީހުންވެސް މިހާރު ތިބެންޖެހެނީ ބްރިޖް އަޅާ ނިމި އޭގެ މަތިން ދުއްވަން ތައްޔާރަށް. މުޅި މާލޭގެ މަލަމަތި މިއޮތް ބަދަލުވަނީ. މިއީ ނޫންތޯ ތަރައްޤީއަކީ"

މިއީ ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅިގެން ސަރުކާރު ހިންގާ ޕީ.ޕީ.އެމްގެ ޕާލެމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި ބަސްފުޅެވެ.

ފުންކޮށް ވިސްނާލުމުން އެބޭފުޅުން މުޅި ރާއްޖޭގެ ތަރައްޤީ މިނެކިރުއްވާގޮތާއި ރައްޔިތުން އެންމެ ބޭނުންވާ ތަރައްޤީ އާއި ހާސްބައި ތަފާތުކަން އެނގިއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރުންނަށް އަޑުއަހަން އުނދަގޫ ވިޔަސް ޤަބޫލުކުރަން ބޭނުން ނުވިޔަސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އަދިވެސް އޮތީ ހަމަ އެގޮތުގައެވެ. އެއީ "ރާއްޖެތެރެ" ވީމަ ދިމާވާ ދަތިތަކާއި ތުރާލުގެ މައްސަލައެވެ. އެކަމުގެ ކަންބޮޑުވުމެވެ. އެ ހިތްދަތިކަމަކަށް އެ ވޭނަކަށް ފަރުވާއެއް ނުލިބެއެވެ. އެ ތަދު އިތުރަށް ބޮޑުވީއެވެ. އަދިވެސް ބޮޑުވަމުން ދަނީއެވެ.

ސަރުކާރުގެ 'ހިތް ހެޔޮކަމުން' އަދި ބައެއް ބޭފުޅުން 'ގޯނިތަކުގައި' ގެނެސްދޭ ހަދިޔާތަކުގެ މަންފާހޯދައި ކުލި ދައްކަން ނުޖެހޭ ފިނި ކޮޓަރިތަކާއި މަޑު ދާންތަކުގައި ނިދިކުރައްވައި އާދައިގެ ރޯގާއަކަށްވެސް އާސިޔާނުގެ ޤައުމުތަކުގެ ޑޮކްޓަރުންގެ ފަރުވާލިބޭ މަތީ ފަންތީގެ ޢިއްޒަތްތެރިންނަށް މިވާހަކަ ފަހުމުވާން ދަތިވެދާނެއެވެ. އެހެންކަމުން ފަހުމުވާ ފަދަގޮތަކަށް ތިލަކޮށް ކިޔައިދެވޭތޯ ބަލާނަމެވެ.

ސަރުކާރުގެ ތަރައްޤީގެ ވާހަކަ އަޑުއަހާފައި ރައްޔިތުން އާޝޯޚުވާ ވާހަކަ ނުދައްކާށެވެ. މުޅި ރާއްޖެ ތަރައްޤީކުރަމުންދާ ވާހަކަ ނުދައްކަވާށެވެ. ސަރުކާރުގެ އޮތީ އެންމެ ސިޔާސަތެކެވެ. އެއީ ގްރޭޓަރ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ. އެ ސިޔާސަތަށްޓަކައި ޤާނޫނުއަސާސީ އިން އެކަށެއެޅި ލާމަރުކަޒީ ނިޒާމްވެސް ފުނޑާލީއެވެ. ފަހަރަކު ބާރެއް އަތުލަމުންގޮސް ކައުންސިލްތަކަކީ މިހާރު ޤަބުރުސްތާނުތަކަށް ހަދައިފިއެވެ.

ރަގަޅު ވާހަކައެކެވެ. ރާއްޖޭގެ އެތައް ރަށެއްގައި ފުޓްސެލް ދަނޑު އަޅައިފިއެވެ. އެއީ ބޭނުންތެރިކަމަކަށް ވެދާނެއެވެ. ބައެއް ރަށްރަށުގެ ދަނޑުތަކުގައި ބޮތްކެއް ނުދިއްލޭ ވާހަކައަކީ އެއީ މުޅިން އެހެން ވާހަކައެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯ ބޭސްފިހާރައެއް ހުޅުވިއްޖެއެވެ. އެއީ ކާމިޔާބީއެކެވެ. ތަރައްޤީއެކެވެ. އެހެނަސް އެއިން ބޭސްފިހާރައަކުން ގަންނާނެ ބޭހެއް ލިޔެދޭނެ ޑޮކްޓަރަކު ކޮންމެ ރަށަކަށް ފޮނުވުނުނަމަ މާ ރަގަޅުވީހެވެ.

މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާމެދު ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ތަފާތުކުރުންތައް ނައްތާލެވިގެން ނޫނީ ރައްޔިތުން އެދޭ ހަމަޖެހުމެއް ނުގެނެވޭނެއެވެ. ސަރުކާރުން 'ގޫގުލް އަށްވުރެ ބާރު ސްޕީޑްގައި' ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާއިރު މާލެ އަށް ރައްޔިތުން ހިޖުރަކުރުމާއި އެކި ބޭނުންތަކަށް ދެއިރު ދެދަޅައަށް އަންނަންޖެހުން ހުއްޓޭފަދަ އެއްވެސް ކަމެއް ރަށްރަށުގައި ކުރޭތޯ ސުވާލުކުރުން ބުއްދިވެރިއެވެ.

ރަށުގައި އަޅާ ފުޓްސެލް ދަނޑަކުން ޒުވާނުންނަށް ވަޒީފާ ލިބޭ ހެއްޔެވެ؟ ރަށުގައި އަޅާ ބޭސްފިހާރައަކުން ސިއްޙީ ޚިދުމަތް ފުރިހަމަވީތޯއެވެ. ސަރުކާރުން ހިންގާ ބިޔަ ހުރިހާ މަޝްރޫޢުތަކެއްވެސް އަމާޒުވަނީ މާލެއަށް ނުވަތަ ގްރޭޓާރ މާލެއަށް މީހުން ޖަމަޢުކުރުމުގެ ވިސްނުމަށެވެ. މިސާލެއްގެ ގޮތުން ދަންނަވަން ވީ ކިތައް ކަންކަން ހެއްޔެވެ؟

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އެންމެ ހަރުއަޑުން ވިދާޅުވި ވާހަކައަކީ ރާއްޖޭގެ ދެ ސަރަޙައްދެއް ޙަޤީޤީ ސިޓީއެއްގެ ދަރަޖައަށް ތަރައްޤީކޮށް ސިއްްޙީ ޚިދުމަތާއި ވަޒީފާއާއި ތަޢުލީމަށް މާލެ ހިޖުރަކުރުން ހުއްޓުވާލައްވާނެ ވާހަކައެވެ. އެހެންވިޔަސް އެ މަނިކުފާނުގެ ވެރިކަމަށް 3 އަހަރު ފުރުމާ ދިމާލަށް ދާއިރުވެސް ފެންނަނީ މާލެއަކުން ނުނެއްޓިގެން އުޅޭ މަންޒަރެވެ.

އައްޑޫގެ އާ ހޮސްޕިޓަލްގެ ވަޢުދަކީ 2001 ވަނަ އަހަރުން ފެށިގެން އައްޑޫ ރައްޔިތުންނަށް ދައްކަމުން އަންނަ ހުވަފެނެކެވެ. އެންމެފަހުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައިވެސް އާ ހޮސްޕިޓަލްގެ މަސައްކަތް މި ފެށެނީހެން ހީވާ ވަރަށް ވާހަކަ ދައްކަވައެވެ. ބީލަމަށްލީ ޢަދަދެއް ނޭނގެއެވެ.

އެކަމަކު އެނގޭކަމަކީ އެންމެފަހުން އެ ހޮސްޕިޓަލްގެ ބީލަން ކެންސަލްކުރިއިރު ދެކެވުނު ވާހަކައަކީ އެ މަޝްރޫޢަށް ބޭނުންވާ 10 ނުވަތަ 15 ވަރަކަށް މިލިއަން ޑޮލަރު ހަމަ ނުޖެހިގެން މަޝްރޫޢު ލަސްކޮށްލާ ވާހަކައެވެ. އޭގެ ފަހުން އިވުނީ އީ.ސީ.ސީ ހޮސްޕިޓަލަކަށް ބަދަލުކުރާ ވާހަކައެވެ.

10 ނުވަތަ 15 ވަރަކަށް މިލިއަން ޑޮލަރު ހަމަނުޖެހިގެން އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް މަޑުޖައްސާލިކަމަށް ބުނިތާ ދުވަސްކޮޅެއް ފަހުން މާލޭ އައިޖީއެމްއެޗްގައި 25 ބުރީގެ ޓަވަރެއް ހެދުމަށް ސިންގަޕޫރު ކުންފުންޏަކަށް 140 މިލިއަން ޑޮލަރަށް ޙަވާލުކުރި އެވެ. އެ ވާހަކަ އިވުމުން ހޮސްޕިޓަލްގެ މައްސަލާގައި ސަރުކާރަށް ރުޅިއައިސްފައި ތިބި އައްޑޫ ރައްޔިތުންނަށް އެކަން ސިފަވީ ސަރުކާރުން އެމީހުންނަށް ކުރި މަލާމާތެއްގޮތުގައެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މާލެ ފިޔަވައި ރަށަކަށް ކަމެއް ކޮށްދޭންވެއްޖެނަމަ ބަޖެޓް ލިބޭކަމަކަށް ނުވެއެވެ. އެހެންވިޔަސް ދެއިރު ދެދަޅަޔަށް މާލޭގައި ބޭނުން މަޝްރޫޢެއް ހިންގެއެވެ.

މާލޭގެ ހުޅަނގު ފަރާތު މޫދަށް 40 އަށްވުރެ ގިނަ މިލިއަން ރުފިޔާ އަޅައިގެން ނަޖިސް ހޮޅިއެއްކައިރީގައި އާޓިފިޝަލް ބީޗެއް ހަދަން ބަޖެޓް ހުހެއްނުވެއެވެ. ބޭނުންވީމަ މާލޭ ކޮންމެ ދިމާލެއްގައި ޕާކު އަޅާނެ ބަޖެޓްވެސް ލިބެއެވެ. އެހެނަސް ކޮންކްރީޓް މަސައްކަތް ނިމުނުތާ އެތައް އަހަރުތަކެއްވީ ސްކޫލްތަކުގެ މަސައްކަތްތައް ނިންމައިދޭނެ ފައިސާއެއް ބަޖެޓުގައި ހުރިކަމަކަށް ނުވެއެވެ. ނަރުދަމާ އަޅައިދޭން ބުނެ ކުރި ވަޢުދުތަކަށް ވާގޮތެއް ނޭނގެއެވެ.

އައްޑޫ ވެގެންދާނީ އީއީޒެޑްގެ ދެކުނުގެ މައި ދޮރާށިކަމަށް ރައީސް ޔާމީން އެންމެ "ލޯބިވި" ކުރީގެ ނައިބު ރައީސް އަދީބު ވެސް ވިދާޅުވިއެވެ. އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީކުރާނެ ވާހަކަ ވިދާޅުވީ ޚުދު ރައީސް ޔާމީނެވެ. ބިން ހިއްކައިގެންވެސް އައްޑޫގެ ޓުއަރިސްޓް އެނދުތަކުގެ ޢަދަދު 5000 އަށް މަތިކުރާނެ ކަމަށް ބުނެ ވެވަޑައިގެންނެވި ވަޢުދަށްވެސް 3 އަހަރު ފުރެނީއެވެ. އިސްމެހެލާ ހެރަ އެއްބަސްވުމުގައި ހަފްތާއެއްގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ބުނިފަހުން އެތައް ދުވަހެއް ވެއްޖެއެވެ.

އައްޑޫގައި އަޅަން ބުނި އިސްލާމީ މަރުކަޒަށް ވީގޮތް ނޭނގި އެ މަރުކަޒު ގެއްލިގެން ހޯދަނިކޮށް އެ ޢިޢުލާންކުރީ ހުޅުމާލޭގައި ބިޔަ ބޮޑު މިސްކިތުގެ މަޝްރޫއެވެ. އެ މަސައްކަތްވެސް އިސާހިތަކު ނިމިދާނެއެވެ.

ކުޅުދުއްފުށީގައި ހަދަން ބުނި ޓްރާންސްޝިޕްމެންޓް ބަނދަރަށް ވީގޮތެއް އަދި އަދަށް ދާންދެންވެސް ނޭނގެއެވެ. އެއާޕޯޓެއް ޤާއިމްކުރާ ވާހަކަ ދެއްކިކަމަށް ވެސް މިހާރު ސަރުކާރުގެ އިސްވެރިން ނަހަދައެވެ. ލ. އަތޮޅުގައި އަޅަން ބުނި ޔުނިވާރސިޓީގެ ކެމްޕަހަށް ވީގޮތެއް އެނގޭނެ މީހަކު ނެތެވެ.

ރާއްޖޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ސަރުކާރުގެ އޮތްކަން ބުނަން ޖެހެނީ ރަށްތަކުން މީހުން މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުވެތިކަމުގައި އުމުރު ފަނާކޮށްލަން މަޖުބޫރުކުރުވާ ސަބަބުތައް ނައްތާލުމަށް ސަރުކާރުން އެއްވެސް ކަމެއް ކުރުމެއްނެތި އެ ސަބަބުތައް ދަމަހައްޓަން އެހީތެރިވެދޭތީއެވެ.

އައްޑޫ އިން އެންމެ ގިނަ މީހުން މާލެ އަންނަނީ ސިއްޙީ ޚިދުމަތް ހޯދުމަށާއި ވަޒީފާއަށެވެ. އައްޑޫ ހޮސްޕިޓަލް އެޅުމަށް ހުވަފެން ދައްކާތާ 15 ވަރަކަށް އަހަރު ވާއިރު މިދިޔަ އަހަރު ހުޅުމާލޭގައި އެޅުމަށް އިޢުލާންކުރި ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ނިމުމަކާ ގާތްވެ މިހާރު މުވައްޒަފުން ނެގުމަށް އިޢުލާންކޮށްފިއެވެ.

އައްޑޫ އިން ނަރުސް ކޯސް ހެދެއެވެ. އެހެނަސް އެ ކޯސް ހަދައިގެން ވަޒީފާ ހޯދަން ގްރޭޓާރ މާލެއަށް އަންނަން މަޖުބޫރުކުރުވަނީ ސަރުކާރުގެ ސިޔާސަތެވެ. މާލެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް އަންނަ މީހުންގެ ފަރާތުންކަމަށް ދާދިފަހުން ކުރި ސާވޭއަކުން ވަނީ ހާމަވެފައެވެ. ރައްޔިތުން އެ ބޮޑު ހޭދަކުރުން ހުއްޓުވުމަށް ރާއްޖޭގެ ދެ ސަރަޙައްދެއް ތަރައްޤީކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

ސަރުކާރުގެ ވިސްނުން ހުރީ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމަށްފަހު ޑޮކްޓަރަށް ދައްކަން ބަލިމީހާ މާލެ ގެނައުންކަމަށް ވެދާނެއެވެ. އެހެން ބުނަން ޖެހެނީ ރަށްރަށުގެ ސިއްޙީ ޙާލަތު އެހާ ދަށުދަރަޖައަކަށް ވެއްޓިފައި އޮތީތީއެވެ. ވިއްސަން ހޭނައްތާ މީހާ ހޭނާރައިގެން ގެންނަން ޖެހެނީ މާލެއަށެވެ. އެކްސިޑެންޓެއް ހިނގައިފިނަމަ އަނިޔާލިބޭ މީހާ ފުރާނަ ނުދާހާ ހިނދަކު މާލެ ނައިސް ފަރުވާއެއް ލިބޭނެ ގޮތެއް ނެތެވެ.


ޑޮކްޓަރެއް ހުރިއްޔާ ސަމާނެއް ނުހުރެއެވެ. ސާމާނު ހުރިއްޔާ ޑޮކްޓަރެއް ނުހުރެއެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ 25 ބުރީގެ އާ ޢިމާރާތް އެޅުމަށްފަހު ދެން ސަރުކާރުން ގޮވާލާނީ އެންމެން މާލެ އައުމަށެވެ. އެހެންގޮތަކަށް ބުނާނަމަ 'ކުލި ދައްކަން އަންނާށެވެ'. މާލެ ދާން ބޭނުން ނުވާބަޔަކު އަހަރުމެންގެ ހޮސްޕިޓަލް އަޅައިދޭށޭ ބުނެ ޝަކުވާކުރާ އިރަށް ދައުލަތުގެ ބަޖެޓް ހުސްވީއެވެ. އެހެނަސް އަނެއް ދުވަހު މާލޭގައި އަނެއް ސްނޯ ޕާކާއި ކޯމަސް ޕާކާއި ދޫނި ޕާކާއި ކަނޑުއަޑީ ޕާކް ހަދާނެ ފައިސާ ބަޖެޓްގައި ހުންނާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ކުރަންވީ ކަމަކީ 'ކުލިދައްކަން' މާލެއައުމެވެ. އެނޫންގޮތެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުތަކުން އެނޫން މަންޒަރެއް ފެންނާކަށްނެތެވެ.