އީދުތައް ފާހަގަ ކުރަން ރާއްޖޭގައި ހާއްސަ ޕްލޭނެއް ހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ޝައިހް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ފިތުރު އީދާއި އަޟްހާ އީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވައިލަން ނިންމި ވާހަކަ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިދިޔަ ހަފުތާގައި ހިއްސާ ކުރެއްވުމާ ގުޅިގެން ބައެއް މީހުން އެކަމަށް ފާޑުކިޔަމުންދާތީ ޝައިހް އާޒިމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ޤައުމެއްގައި ޢީދު ފާހަގަ ކުރުން ކުރިއަށް ގެންދިއުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިސްވެ މަސައްކަ ތަކެއް ކުރުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
ޒުވާން ޝައިހް ވިދާޅުވީ އެއީ ޞިއްޙަތާ ބެހޭ އެކިއެކި ދުވަަސްތައް ހެލްތު މިނިސްޓްރީން ފާހަގަކުރާ ގޮތަށް އަދި ދިވެހި ބަހާބެހޭ ދުވަަސްތައް ތަރިކައާ ބެހޭ މިނިސްޓްރީން ފާހަގަކުރާ ފަދައިން ކުރެވޭނެ ކަމެއް ކަމަށެވެ.
"މިއަކީ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން، އާޒިމް ވިދާޅުވި އެވެ. "މިކަމާ ކަންބޮޑުވެގެން އުޅޭ މީހުންގެ އޮތީ “އަލްޓަނޭޓިވް ނެރޭޓިވް” ބޭނުންވެގެން އުޅޭ މީހުންގެ އެޖެންޑާއެއް ބާ؟"
މިނިސްޓަރު ޝަހީމު ވިދާޅުވެފައި ވަނީ އީދުތައް ފާހަގަ ކުރަން އެކުލަވައިލާ ޕްލޭނަކީ މާލެ އާއި އަތޮޅުތަކުގައި އީދު ފާހަގަކުރުމާ ގުޅޭ ހާއްސަ ޕްލޭނެއް ކަމަށެވެ. އެގޮތން އެ ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ހުރިހާ ހިސާބެއްގައި ވަކި އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
.ޝަހީމު ވިދާޅުވީ އެ މަސައްކަތް ރޭވުމުގެ މަސައްކަތް ކުރަނީ އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުން ކަމަށާއި މިހާރު ކޮމިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ރާވައި ހިންގާނީ ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށްގެންނެވެ. އަދި އެ ހަރަކާތްތައް ރޭވުމުގައި އަތޮޅުތަކުގައި މަސައްކަތްކުރާ އިސްލާމީ ހިދުމަތް ދޭ މަދަނީ ޖަމްއިއްޔާތައް ބައިވެރިކުރުމަށް ވެސް ޕްލޭނުގައި ހިމަނާނެ އެވެ. މީގެ އިތުރުން ސިޓީތަކުގައި އީދު ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރޭވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަން އިންތިޒާމުކޮށް ކުރިއަށް ގެންދަން ގަސްތުކުރައްވަނީ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކަމަށް ޝަހީމު ވިދާޅުވިއެވެ.
އީދު ފާހަގަކުރަން މިނިސްޓްރިން ހާއްސަ ޕްލޭނެއް އެކުލަވައިލަން ނިންމި އިރު، އިސްލާމް ދީނާ ފުށުއަރާ ގޮތަށް އީދު ފާހަގަ ކުރުމުގެ ކަންކަން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެހެންވެ އީދުގެ މުނާސަބާ ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަން ނުހިންގުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސް ވެސް ކުރެ އެވެ.