ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ 30 އަހަރު ފަހުން އިންޑިއާގެ ބަތަލާ މީނާކްޝީ ޝެޝަދުރީ އަލުން އެކްޓިން އަށް ނުކުންނަން ނިންމައިފި އެވެ.
މި ވާހަކަ އޭނަ ވަނީ އިންސްޓަގްރާމް ވީޑިއޯއެއްގައި ވެސް ހިއްސާކޮށްފަ އެވެ. މިހާރު އުމުރުން 62 އަހަރުގެ މީނާކްޝީ ބުނީ އޭނަ ފިލްމީ ދާއިރާ ދޫކޮށްލައި އެމެރިކާ އަށް ދިރިއުޅުން ވެސް ބަދަލުކުރިތާ 30 އަހަރު ފަހުން އަލުން މުމްބާއީ އަށް ދިރިއުޅުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންވެ މިހާރު ނިންމައިގެން އެކްޓިން ދާއިރާ އިން ލިބޭ ފުރުސަތުގެ ބޭނުން ހިފަން ކަމަށް ބުންޏެވެ. އެހެންވެ ފިލްމުތަކާއި ވެބް ޝޯ ފަދަ އުފެއްދުންތަކުން ކަމުދާ، ގަޔާވާ ކަހަލަ ރޯލުތަކެއް ލިބޭ ނަމަ އެ ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށް 1980 އާއި 1990 ގެ ތެރޭގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ ބުންޏެވެ.
މީނާކްޝީ ބުނީ އެކްޓިން އަކީ ވަރަށް ލޯބިކުރާ މަސައްކަތެއް ކަމަށާއި އަލުން ދާއިރާ އަށް ނުކުންނަން ނިންމާފައިވާތީ ކިތަންމެ ކުރު ރޯލަކަށް ވެސް ގަޔާވާ ކަހަލަ ކެރެކްޓާއެއް ކުޅެން ލިބޭ ނަމަ އެއްބަސްވާނެ ކަމަށެވެ. އޭނަ ބުނީ މީގެ ކުރިން ވެސް އެތައް އޮފާތަކެއް ލިބުނު ކަމަށާއި އެކަމަކު އެއްޗަކަށް މިހާތަނަށް އެއްބަސްނުވީ ކަމުދާ ކަހަލަ ރޯލަކާ ދިމާނުވާތީ ކަމަށެވެ.
އެކަމަކު މިހާރު އަލުން އިިންޑަސްޓްރީ އަށް ނުކުންނަން ނިންމާފައިވާތީ ފޭނުންނާއި ހެޔޮއެދޭ އެންމެން އުފާކޮށް ދޭން، ބޭނުންވާ ކަމަށް މީނާކްޝީ ބުންޏެވެ. އަދި އެންމެންގެ ސަޕޯޓް ވެސް ބޭނުންވާ ކަމަށް ބުންޏެވެ.
އާއިލާއާ އެކު ބޮސްޓަންގައި އެތައް އަހަރެއް ވަންދެން ދިރިއުޅުމަށް ފަހު މީނާކްޝީ އަލުން މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރި އޭނަގެ ފިރިހެން ދަރިފުޅު ދަރިފުޅު ޖޯޝް ވަނީ މީގެ ހަފުތާއެއް ކުރިން ހާވާޑް ޔުނިވަސިޓީން ގްރެޖްއޭޓް ވެސް ވެފަ އެވެ. މީނާކްޝާއި އިންވެސްޓްމަންޓް ބޭންކަރެއް ކަމަށްވާ ހަރިޝް މައިސޯރް ކައިވެނިކުރީ 1995 ގަ އެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.
މީނާކްޝީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ހީރޯ، ދާމިނީ، ގަތަކް، ޔާޔަލް، ޝެހެންޝާ އަދި ގަރް ހޯ ތޯ އޭސާ ހިމެނެ އެވެ. އޭނަގެ އެކްޓިން ދަތުރުގެ ފެށުމަކީ 1983 ގެ ޕެއިންޓަރު ބާބޫ އެވެ.