އައްޑޫ މީދޫ ކައުންސިލަރުގެ މަގާމުގައި ހުންނަވައިގެން ކުރެއްވުނު އެންމެ ހިތި ތަޖުރިބާ އަކީ އަދި ހެދުނު އެންމެ ބޮޑު ގޯހަކީ، ވަކި މީހަކަށް މާ ބޮޑަށް އިތުބާރު ކުރެވި، އެ މީހަކަށް މުޅިން ބަރޯސާވެވުން ކަމަށް އައިމިނަތު ސާލިހާ ވިދާޅުވެއްޖެ އެވެ.
އޭނަ އަކީ އަައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި މީދޫ ކައުންސިލަރެވެ. ނަމަވެސް އެ ދައުރު ހަމަނުވަނީސް މީދު އާއި ހުޅުދޫ ވަނީ މިދިޔަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ވަކިވެފަ އެވެ. އެއީ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ.
އެ ވޯޓަށް ފަހު މިހާރު މީދު އާއި ހުޅުދޫގައި އޮތީ ރަށު ކައުންސިލްތަކެވެ.
މީދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ސާލިހާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ ކައުންސިލަރުގެކަމުގެ ފަސް އަހަރުގެ ދައުރަކީ ހަޔާތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވި، ގިނަ ފިލާވަޅުތަކެއް ލިބިގެން ދިޔަ ދުވަސްތަކެއް ކަމަށެވެ.
އަދި ކޮންމެ ދަތުރެއް ނިމޭ އިރު، އެނބުރި ފަސްބަލައި، ކުރެވުނު ކަންކަމާ މެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
"މި ފަސް އަހަރުގެ ޓާމް ނިންމާލި އިރު، އަޅުގަނޑަށް ކުރެވުނު އެންމެ ހިތި ތަޖުރިބާ އަކީ އަދި ހެދުނު އެންމެ ބޮޑު ގޯހަކީ، ވަކި މީހަކަށް މާ ބޮޑަށް އިތުބާރު ކުރެވި، އެ މީހަކަށް މުޅިން ބަރޯސާ ވެވުން،" ސާލިހާ ވިދާޅުވި އެވެ. "އޭގެ ސަބަބުން ނުކުތް ނަތީޖާ މިއަދު މިވަނީ ހިތި ހަގީގަތަކަށްވެފައި."
ނަމަވެސް އޭނަ އެ ވިދާޅުވި މީހަކީ ކާކު ކަމެއް ޕޯސްޓްގައި ހިއްސާކުރައްވައިފައެއް ނުވެ އެވެ. އެހެންވެ އެއީ ސީދާ ކާކުގެ ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ.