ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓްލުން ބަންދުވާން ގަޑިއެއްހާ އިރަށް ވެއްޖެ އެވެ.
ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ، ވޯޓްލުން ބަންދުވާނީ ހަވީރު 4:00 އަށެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ. އެގޮތުން މެންދުރު ފަހު 2:00 އާ ހަމައަށް 1،679 މީހުން ވޯޓްލާފައިވާ އިރު، މީގެ ތެރެއިން 2،048 މީހުންނަކީ ފިރިހެނުންނެވެ. ވޯޓްލާފައިވާ އަންހެނުންގެ އަދަދަކީ 2،073 އެވެ.
މެންދުރު ފަހަށް އެޅި ފަހުން ވޯޓްލާން ނުކުންނަ އަންހެނުން އިތުރުވަމުން އަންނަ އިރު، މެންދުރާ ހަމައަށް އެންމެ ގިނައިން ވޯޓްލާފައި ވަނީ ފިރިހެނުންކަން ފާހަގަކޮށްލެވެ އެވެ.
މި ބައި-އިލެކްޝަންގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ފިރިހެނުންގެ އަދަދަކީ 2،048 އެވެ. އަންހެނުންގެ އަދަދަކީ 2،073 އެވެ.
މި ވޯޓަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ ހިތަދޫގައި ބެހެއްޓި 5 ފޮއްޓާއި މާލޭގައި ބެހެއްޓި 2 ފޮއްޓެވެ. ހިތަދޫގެ ފޮށިތައް ހުރީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގެ ފޮށިތައް ހުރީ ދަރުމަވަންތަ ސްކޫލްގަ އެވެ.
ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.