ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ ވަގުތު ހަމަވުމާއެކު، ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ.
ވޯޓުލުން ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔައިރު، ވަގުތު ހަމަވުމާއެކު މިހާރު ވޯޓު ފޮށިތައް ވަނީ ބަންދުކޮށްފަ އެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ. އެގޮތުން ހަވީރު 16:00 އާ ހަމައަށް 2.563 މީހުން ވޯޓުލާފައިވެ އެވެ.
މި ވޯޓަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ ހިތަދޫގައި ބެހެއްޓި 5 ފޮއްޓާއި މާލޭގައި ބެހެއްޓި 2 ފޮއްޓެވެ. ހިތަދޫގެ ފޮށިތައް ހުރީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގެ ފޮށިތައް ހުރީ ދަރުމަވަންތަ ސްކޫލްގަ އެވެ.
ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.