Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތިމާވެށީގެ ހިމާޔަތަށް އަހަރަކު 7 މިލިއަން ރުފިޔާ ހޭދަކުރަނީ

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ގްރީން ފަންޑުން ކަނޑައެޅޭ ފައިސާއަކީ ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ޚަރަދުކުރާނޭ ފައިސާ ކަމަށެވެ. އެއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން އެއަށްވުރެ ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ޤައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓެއް ނެތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގްރީން ފަންޑުގެ ފައިސާ ޚަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށެވެ.

އެގޮތުން، މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި، މޮނިޓަރކުރުމުގެ މަސައްކަތްތަކަތުގެ އިތުރުން، ކޮންސަރވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުން ފަދަ ކަންކަމަށެވެ. އަދި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މައުލޫމާތު އާންމުކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުން އަދި މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕްރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށް ހަރަދުކުރެވޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާރެއް ކަމަށެވެ. އަދި ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއްކަމަސް މިއަދުގެ ޢިލްމީ ދިރާސާތަކުންވެސް ދައްކަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މި އަހަރުގެ ޝިޢާރަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ގޮވައިލާ ގޮވައިލުމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، މިކަމުގައި އިސްނަގައި، ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން ގޮވާލައްވާފަ އެވެ.