ޑައިރެކްޓަރު އަމްޖަދު އިބްރާހީމް މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމު 'ގިލަން' މި މަހު ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
އޮލިމްޕަހުގައި ފިލްމު ޕްރީމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. މިއަދު ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލަފައިވާ 'ގިލަން' އަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި ހެދި ފިލްމެވެ.
ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް 'ގިލަން' ގެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށްފައިވާ މި ފިލްމަކީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ފެނިގެންދާނެ ފިލްމެކެވެ. ގިލަންގެ ލީޑް ކާަސްޓްގައި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އެވެ.
'ގިލަން' ގެ އިތުރު ކާސްޓުންގެ ތެރޭގައި އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ.
މަސައްކަތް ފެށިިތާ އަހަރުތަކެއް ފަހުން މި ފިލްމު ބެލުންތެރިންނަށް ގެނެސްދެނީ ރަވީ ފާރޫގާއި އައިޝަތު ރިޝްމީގެ އިތުރުން އަބްދުﷲ މުއާޒް (މުއާ) ގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގަ އެވެ.
އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ގެ 'އުދަބާނި 2' އެވެ. އޭނަ އަކީ އުދަބާނި އާއި ކަށްވަޅަށް ދާންދެން ސަނދުރަވިރޭ އަދި ދޮންކަމަނަ ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.