ވިލިމާލޭގެ ރައްޔިތުންނަށާއި މާލެ ސަރަހައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ފޯރުކޮށްދިނުމަށްޓަކައި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގާއިމުކުރާ އައު ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއަކީ ވިލިމާލޭގެ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ތެޔޮ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ. މި ފިއުލް ސްޓޭޝަންގެ ހިދުމަތް ގާއިމުވުމުން، ތެޔޮ އެޅުމަށްޓަކައި މާލެއަށް ނުވަތަ އެހެން ސަރަހައްދުތަކަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ވަގުތާއި ހަރަދު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ ކަމަށް އެފްއެސްއެމް އިން ބުނެ އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ޖެޓީ ސަރަހައްދުން ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ފެނުގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މި ސްޓޭޝަން ޖެޓީ ސަރަހައްދުގައި ގާއިމުކުރުމަށް ނިންމާފައިވަނީ ކަނޑު އުޅަނދުފަހަރަށް އެންމެ ފަސޭހަކަމާއެކު ތެޔޮ އެޅޭނެ އިންތިޒާމުތަކަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުންނެވެ.
އެފްއެސްއެމްއިން ބުނީ މއަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ މި މަޝްރޫއު ކުރިއަށް އޮތް 55 ދުވަހުގެ ތެރޭގައި ނިންމައި، ހިދުމަތް ދޭން ފެށުމަކީ އަމާޒެއް ކަމަށާއި މި ސްޓޭޝަންގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން، ވިލިމާލޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.