ސުވާލު:
މީހަކު އޮޅިގެން އަޅުގަނޑުގެ ފޯނަށް ރީޗާޖްކޮށްފި އެވެ. އަޅުގަނޑުގެ ފޯނުގައި ކުރިން ވެސް ވަކި ޕެކޭޖެއް އެކްޓިވްކޮށްފައި އޮތުމުގެ ސަބަބުން، އެ މީހާ ފޮނުވި ރީޗާޖުގެ ބޭނުން އަޅުގަނޑަށް ހިފޭކަށް ނެތެވެ. މި ހާލަތުގައި އެ ރީޗާޖުގެ އަގަށްވާ ފައިސާ އަޅުގަނޑު އެ މީހާއަށް އަނބުރާ ދޭން ޖެހޭނެތޯ އެވެ؟
ޖަވާބުގެ ޚުލާސާ:
އޮޅިގެން ފޮނުވުނީ ނަގުދު ފައިސާ ނަމަ، އެ ފައިސާ އޭގެ ވެރިފަރާތަށް ރައްދުކުރުން ވާޖިބުވާނެއެވެ. ނަމަވެސް އެއީ ފޯން ރީޗާޖް ނުވަތަ ބެލެންސް ކަމަށްވެފައި، އެ އަނބުރާ ފޮނުވޭނެ ގޮތެއް ނެތްނަމަ، އަދި އޭގެ ބޭނުން ތިބާ ނުހިފާނަމަ ނުވަތަ ބޭނުން ހިފޭނެ ގޮތެއް ނެތްނަމަ، އޭގެ އަގު އަދާކުރުން ތިބާގެ މައްޗަށް ލާޒިމެއް ނޫނެވެ.
ޖަވާބު:
الحمد لله والصلاة والسلام على رسول الله، وبعد:
ފުރަތަމައީ: އޮޅިގެން މީހަކު އެހެން މީހެއްގެ ފޯނަށް ރީޗާޖްކޮށްފި ނަމަ، އަސްލަކީ އެއިން މަންފާލިބިގަތުން އެހެން މީހާއަށް ހަލާލުނުވުމެވެ. އަދި އެ އަނބުރާ ދެއްކޭނެ މަގެއް އޮތްނަމަ ވެރިފަރާތަށް ރައްދުކުރުން ވާޖިބުވާނެއެވެ. އެއީ އޭގެ ވެރިފަރާތް އެނގެން އޮތް މުދަލަކަށް ވާތީއެވެ. ފިޤުހު އިލްމުވެރިން ބަޔާންކުރައްވައިފައިވާ ގޮތުގައި، މީހެއްގެ މުދަލެއް އޭނާއަށް ނޭނގި އެހެން މީހެއްގެ މިލްކިއްޔާތުގެ ތެރެއަށް ވަދެއްޖެނަމަ އަމަލު ކުރަން ޖެހޭނީ މިފަދައިންނެވެ.
البهوتي رحمه الله في كشاف القناع (4/121) ގައި ވިދާޅުވެފައިވެއެވެ. "މީހެއްގެ ދޫންޏެއް އޮޅިގެން އެހެން މީހެއްގެ ގެއަށް ވަދެއްޖެނަމަ، އެ ދޫނި ހިމާޔަތްކުރުމާއި އޭގެ ވެރިފަރާތަށް އެންގުން ގޭގެ ވެރިމީހާގެ މައްޗަށް ވާޖިބެއް ނޫނެވެ. އެއީ އެ ސޫފި އަމިއްލައަށް އުދުހިގެން ދިއުމުގެ ކުޅަދާނަކަން ހުރުމުންނެވެ. ނަމަވެސް އެއީ އުދުހިގެން ނުދެވޭ ފަދަ އެއްޗެއްނަމަ، އެއަށް އޮންނާނީ ގެއްލިފައިވާ މުދަލުގެ (ލުޤަތާ) ޙުކުމެވެ. ވެރިފަރާތް ނޭނގޭނަމަ އެ އިއުލާންކުރަންޖެހޭނެއެވެ. އަދި ވެރިފަރާތް އެނގޭނަމަ ވަގުތުން އަންގަންޖެހޭނެއެވެ. އެހެން ނޫންނަމަ އޭގެ ޒިންމާ އުފުލަންޖެހޭނެއެވެ."
މިކަމާ ގުޅޭ އިތުރު ތަފްސީލު:
ފޮނުވުނު އެއްޗަކީ ނަގުދު ފައިސާ ނަމަ، އެ އެއްޗެއް ވެރިފަރާތަށް ޓްރާންސްފާކޮށްގެން ނުވަތަ މުއާސަލާތީ ކުންފުނި މެދުވެރިކޮށް އަނބުރާ ރައްދުކުރުން ވާޖިބުވާނެއެވެ. މިގޮތަށް އަނބުރާ ފޮނުވުމުގައި އެއްވެސް ޚަރަދެއް ހިނގާނަމަ، އެ ޚަރަދެއް އުފުލަން ޖެހޭނީ އޮޅިގެން ފައިސާ ފޮނުވި މީހާއެވެ. އެއީ އެއީ އޭނާގެ އިހުމާލުން ވީ ކަމަކަށްވާތީ އެވެ.
ފޮނުވުނު އެއްޗަކީ ފޯން ކޯލް މިނިޓް ނުވަތަ ޑޭޓާ ފަދަ ރީޗާޖެއް ނަމަ، އަދި އެ އަނބުރާ ފޮނުވޭނެ ގޮތެއް އޮތް ނަމަ އެކަން ކުރަން ޖެހޭނެ އެވެ. ނަމަވެސް އަނބުރާ ނުފޮނުވޭ ހާލަތުގައި އޭގެ އަގު ދޭން ޖެހޭނެތޯ އެވެ؟
މިކަމުގައި އޮތީ ތަފްސީލެވެ:
ހ. ރީޗާޖް ލިބުނު މީހާގެ ފޯނުގައި ކުރިންވެސް ޕެކޭޖެއް އޮތުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެ އެ ރީޗާޖުގެ ބޭނުން ނުހިފޭ ނަމަ، އޭނާ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެއެވެ. ސަބަބަކީ އޭނާ އެއިން މަންފާއެއް ނުލިބޭތީއާއި، އެއީ އޭނާގެ ކުށަކުން ވީ ކަމަކަށް ނުވާތީއެވެ. އެހެންނަމަވެސް، ވެރިފަރާތަށް އެކަން އެންގުން ރަނގަޅެވެ. އެއީ މުއާސަލާތީ ކުންފުނި މެދުވެރިކޮށް އެ ރީޗާޖް ކެންސަލް ކުރެވޭތޯ ބެލުމަށާއި، އޭނާއާ މެދު ނުބައި ހީއެއް ނުއުފެއްދުމަށްޓަކައެވެ.
ށ. ރީޗާޖުގެ ބޭނުން ހިފޭނެ މަގެއް އޮތް ނަމަވެސް، އޭނާ އޭގެ ބޭނުން ނުހިފާނަމަ، އޭރުންވެސް ފައިސާ ދޭކަށް ނުޖެހޭނެއެވެ.
ނ. ރީޗާޖުގެ ބޭނުން ހިފާނަމަ، އެ ރީޗާޖުގެ އަގަށްވާ ފައިސާ ވެރިފަރާތަށް އަދާކުރަންޖެހޭނެއެވެ. އެއީ އަސްލު އެތި އަނބުރާ ނުދެވޭ ހާލަތުގައި އޭގެ އަގު އަދާކުރުން ލާޒިމުވާތީއެވެ.
ދެވަނައީ: ފައިސާ ނުވަތަ ރީޗާޖް ފޮނުވި މީހަކީ ކާކުކަން ނޭނގޭނަމަ، މުއާސަލާތީ ކުންފުނި މެދުވެރިކޮށް އެކަން ބެލޭތޯ މަސައްކަތް ކުރަންވާނެއެވެ. އެކަން އެނގޭނެ އެއްވެސް މަގެއް ނެތްނަމަ، އަދި ތިބާ އެ ރީޗާޖުގެ ބޭނުން ހިފައިފިނަމަ، އޭގެ އަގަށްވާ ފައިސާ ވެރިފަރާތުގެ ނަމުގައި ޞަދަޤާތް ކުރާނީއެވެ.
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. "މުދަލެއްގެ ވެރިފަރާތް ނޭނގޭ ހާލަތުގައި، ގިނަ އިލްމުވެރިންގެ ރައުޔަކީ އެ މުދަލެއް މުސްލިމުންގެ މަޞްލަޙަތު ހުރި ކަންކަމުގައި ހޭދަކުރުމެވެ. މީހެއްގެ އަތުގައި އެހެން މީހެއްގެ އަމާނާތެއް ނުވަތަ ރަހުނެއް އޮވެ، އޭގެ ވެރިފަރާތް ހޯދުމަށް އުންމީދު ކަނޑާލަންޖެހިއްޖެނަމަ، އޭގެ ވެރިފަރާތުގެ ނަމުގައި އެ ޞަދަޤާތް ކުރާނީއެވެ." (މަޖްމޫޢުލް ފަތާވާ: 29/321) والله أعلم.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.