Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީ ސަރުކާރުން ކަންކުރި ގޮތުން

ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗްއިން ދަށްކުރަން ފެށީ ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަރަނި އޮތް މިންވަރާއި، އެ ދަރަނި އަދާކުރަން ކުރަންޖެހުނު ކަންތައްތަކަކީ ރޭޓިންއަށް އަސަރުކުރި މައިގަނޑު ސަބަބުތަކެވެ.

"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،" މުންދު ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަތުމަށް ގިނަ އަދަދެއްގެ މާލީ އެހީ ރާއްޖެއަށް ލިބުނުކަން ފާހަގަކޮށް މުންދު ވިދާޅުވި ގޮތުގައި، ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނެގުމުންނެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ފިޗު އެކަންޏެއް ނޫން، އަދި މުޅި ޖުމްލަ ގޮތެއްގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ އެކު ވެސް ކުރި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ތަކުރާރުކޮށް އަޅުގަނޑުމެން އާދޭސް ވެސް ކުރިން ޗާޕު ނުކުރާށޭ، ޗާޕު ކުރުން. ވަރަށް ބައިވަރު ކުރި،" ތަރުޖަމާނު ވިދާޅުވި އެވެ.

މުންދު ވަނީ، އުއްމީދަކީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރޭޓިން އަދި އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.