ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) އަށް އެމްޑީޕީގެ އިސްވެރިން މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.
މި ކާމިޔާބީއާ ގުޅިގެން ސޯބެއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސޯބެ މަޖިލީހަށް ވަޑައިގަންނަވަނީ ވަރަށް މުހިންމު އަދި ސޯބެ ފަދަ ބޭފުޅުންނަށް މަޖިލިސް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.
ތިޔަ ހޯއްދެވި ކާމިޔާބަށް ވަރަށް ބޮޑަށް މަރުޙަބާ އަބްދުﷲ ޞާދިޤް (ސޯބެ) @SobeAbdulla. މަނިކުފާނު މަޖިލީހަށް ތިޔަ ވަޑައިގަންނަވަނީ ވަރަށް މުހިންމު ވަގުތެއްގައި- ތިޔަފަދަ ބޭފުޅުންނަށް މަޖިލިސް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތެއްގައި!
އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި… pic.twitter.com/G9DsSmIoPD
— Ibrahim Mohamed Solih (@ibusolih) June 6, 2026
އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން ދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން ކަމަށާއި މިއީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ސޯބެ މަޖިލީހާ ގުޅުންވެގެން ދާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ލިބިގެންދާނެ އިތުރު ބާރަކަށް. މަޖިލީހުގައި ކާމިޔާބު ދުވަސްތަކަކަށް އެދެން،" ސޯލިހު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ކާމިޔާބީ ސިފަކުރެއްވީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
Miadhu beyhvi Hithadhoo Uthuru dhaairaage by-election gai mulhi Raajje ashaai Addu City ah adhi MDP ah thiya hoadhdhavai dhehvi mathiveri kaamiyaabee ah fah fashun Abdulla Sodiq – Sobe ah marhabaa. 👏🏽👏🏽💐
— Mohamed Nasheed (@MohamedNasheed) June 6, 2026
މީގެއިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދުގެ ނަތީޖާއިންވެސް ފެނިގެން އެދިޔައީ ޤައުމުގެ ކުރިމަގު އޮތީ އަދިވެސް އެމްޑީޕީއާއެކުގައިކަން ރައްޔިތުން ޤަބޫލުކުރާކަން ކަމަށެވެ. އެގޮތުން ސޯބެ އާއެކު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިތުރަށް ކުރިއަށްގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު މީގެކުރިން ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް މިހާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު އުޅެނީ 74 ގަ އެވެ.