Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އީސީގެ ކުރީގެ ރައީސް ރަޝާދު އަވަހާރަވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ އެވެ.

ރަޝާދު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، މއ.އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވި ޚަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށެވެ.

ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޙިކްމަތްތެރި ހިންގުންތެރި ޝަޚްޞިއްޔަތެއް. ޤައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއް،" ރައީސް ލިޔުއްވާފައިވެ އެވެ.

ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަކޮށް ފާހަގަކުރެވޭ ކަމަށެވެ. އަދި، ދައުލަތަށް ޚިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ރަޝާދު ހޯއްދަވާފައިވާކަން ފާހަގަކުރެއްވި އެވެ.

ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.