Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

2028 ގައި އައްޑޫ ވާނީ ޕީއެންސީގެ ކިއްލާއަކަށް: ފަލާހު

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއަކަށް އިޝާރާތްކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

މިއަދު ބޭއްވި ހިތަދޫ އުތުރު ބައި އިލެކްޝަން 62 ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދު ބޭއްވުނު ބައި އިލެކްޝަނާއެކު ނިމިފައިވާ ކަމަށާއި އެމްޑީޕީގެ އިސްވެރިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވެސް މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯބެ ލަދުވެތި ގޮތަކަށް ބަލިކޮށްލާފައި ކަމަށެވެ.

"އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫއާ މެދު އިހުމާލުވެފައޭ. ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ. ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރާއި އަދި ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށެވެ. އަދި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.