Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ވަކި ބަޔަކު އެކަނި ކައިރިކޮށްގެން ރިޔާސީ އިންތިހާބެއް ނުނެގޭނެ

ވަކި ބަޔަކު އެކަނި ކައިރިކޮށްގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް ނަސީމްގެ ކެމްޕޭނުގައި މިރޭ ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ އެންމެ ޕާޓީއަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި އެގޮތުން ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް މަރުހަބާ ކިޔަންޖެހޭ ކަމަށެވެ.

"ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނީ ގިނަ ބައެއްގެ ތާއީދު އޮވެގެން. ތިމަންނަ އާއި ތިމަންނަ ވަށައިގެން ތިބި މީހުން އެކަނި ކައިރިކޮށްގެނެއް ހާއްސަކޮށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މީގެކުރީގެ ރިޔާސީ އިންތިހާބުތަކުގައި ވެސް އެއީ ފެނިފައި އޮތް ހަގީގަތެއް ކަމަށާއި އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އަދަދަށް ވޯޓު ހޯދޭނީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ވިސްނުމަކާއި އަދި އެމީހުން ޕާޓީގެ ތެރޭގައި ގެންގުޅޭނެ ކަމުގެ ސިޔާސަތުތަކެއް އޮވެގެން ކަމަށެވެ. އެގޮތުން މީކާއިލްގެ އޮތީ އެފަދަ ސިޔާސަތުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ވެރިކަމަށް ކުރިމަތިލާން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ހަމަހަމަ ޕްލެޓްފޯމެއް މީކާއިލް ދެއްވާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީ ކުރިއަށްގެންދަވީ އެ މިސްރާބުގައި ކަމަށާއި އަނެއްކާވެސް އަނެއް ފަސް އަހަރު ރައްޔިތުން މަގުމަތީގައި ނުބޭތިއްބޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.