Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހިތަދޫގެ މެޖޯރިޓީ ލިބުނީ ސައީދަށް، މިއީ ކާމިޔާބެއް

އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހިތަދޫގައި ބެހެއްްޓި ވޯޓު ފޮށިތަކުގެ އަގުލަބިއްޔަތު ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ކަމަށާއި އެއީ ލިބުނު ކާމިޔާބެއް ޕީއެންސީން ބުނެފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 62 ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މި އިންތިހާބުގައި އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓާއި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަގުލަބިއްޔަތު ލިބުނީ ސައީދަށް ކަމަށާއި އަދި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށުތަކުގެ ޖުމްލަ އަގުލަބިއްޔަތުވެސް ލިބުނީ ސައީދަށް ކަމަށެވެ.

"މިއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުން އައި ދަނޑިވަޅެއްގައި އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި މި ޕާޓީއަށް ހޯދުނު ކާމިޔާބީއެއް ކަމުގައި ދެކެމެވެ." ޕީއެންސީން ބުންޏެވެ.

ޕީއެންސީން ވަނީ ބައި-އިލެކްޝަންގައި ސައީދާއެކުގައި މަސައްކަތްކުރި ކެންޕެއިން ޓީމުތަކަށް ޕާޓީގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު މީގެކުރިން ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް މިހާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު އުޅެނީ 74 ގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.