Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އެމްޕަވަމަންޓް ހަބަށް ޕާކިސްތާންގެ އެހީ

"ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް" އަށް ބޭނުންވާ އައިސީޓީ އިކުއިޕްމަންޓްތަކެއް ޕާކިސްތާނުން ފޯރުކޮށް ދީފި އެވެ.

މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރުތައް ދަސްކޮށްދީ، އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި ހެލްތު މިނިސްޓްރީ ގާއިމުކުރާ ތަނެކެވެ. އެތަނުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަސާސީ ތައުލީމާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތަކުގެ އިތުރުން، އަމަލީ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށް ދޭނެ އެވެ. މީގެ ބޭނުމަކީ އެފަރާތްތަކަށް ވަޒީފާގެ މާހައުލާއި އިޖުތިމާއީ ދިރިއުޅުމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ ހަބް މެދުވެރިކޮށް، މަސައްކަތުގެ މާހައުލާއި، އަމިއްލަ މަސައްކަތްތެރިކަމަށް ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވެ އެވެ. އެގެ ތެރޭގައި ކޮމްޕިއުޓަރުގެ އަސާސީ ހުނަރުތަކާއި، ޑިޖިޓަލް މީޑިއާ އަދި ކްރިއޭޓިވް ސޮފްޓްވެއާ ބޭނުން ކުރާނެ ގޮތުގެ ތަމްރީނުތައް ހިމެނެއެވެ.
މީގެ އިތުރުން ފޮޓޯގްރަފީ، ޑިޖިޓަލް އާޓް، އަދި މުއާސަލާތު ކުރުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ހާއްސަ އޯލްޓަނޭޓިވް އެންޑް އޯގްމެންޓެޓިވް ކޮމިއުނިކޭޝަން (އޭއޭސީ) ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.

އެންމެންނަށް ބައިވެރިވެވޭ ފަދަ އުނގަންނައިދޭ މާހައުލެއް ބިނާކުރުމުގެ ގޮތުން، މި ހަބްގައި އެހީތެރިކަން ފޯރުކޮށްދޭ ޒަމާނީ ޓެކްނޮލޮޖީ އާއި އައިސީޓީ ވަސީލަތްތައް ހަބްގައި ގާއިމުކުރެވޭނެއެވެ. އޭގެ ތެރޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ "ސްކްރީން ރީޑާ" ސޮފްޓްވެއާ، ޚާއްސަ ކީބޯޑު، ޓަޗް-ސްކްރީން މޮނިޓަރު، އޭއޭސީ ސޮފްޓްވެއާ އަދި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެދޭ "އެފްއެމް ސިސްޓަމް" ފަދަ ވަސީލަތްތައް ހިމެނެއެވެ.

ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދޭ މި އެހީތެރިކަމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި ތައުލީމާއި ތަމްރީނު ހާސިލު ކުރެވޭނެ، ހުރިހާ އެންމެން ޝާމިލުވާ ފަދަ މާހައުލެއް މި ހަބްގައި ގާއިމުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި ގާއިމުކުރާ ހަބްގެ މަސައްކަތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރަމުން އަންނަ އިރު، މި އަހަރުގެ ތެރޭގައި އެތަން ހުޅުވާނެ އެވެ.