ޑިމޮކްރަސީގެ އެންމެ އަސާސީ އެއް އުސޫލަކީ ކޮންމެ ވޯޓަކީ ވެސް ހަމަހަމަ ބަރުދަނެއްގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށްވުމެވެ. އިންތިޚާބެއްގެ ނަތީޖާ އެތައް ހާސް ވޯޓެއްގެ ތަފާތުން ނިންމުނަސް ނުވަތަ އެންމެ ވޯޓެއްގެ ތަފާތުން ނިންމުނަސް، އޭގެ ގާނޫނީ ސައްހަކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ.
މި ސާދާ ހަގީގަތަކީ ޑިމޮކްރަސީއަކީ ވަރުގަދަ އަދި އިންސާފުވެރި ނިޒާމެއްކަން ހާމަކޮށްދޭ ކަމެކެވެ.
ވާދަވެރި ކެންޑިޑޭޓަށްވުރެ އެންމެ ވޯޓެއް އިތުރަށް ލިބުނު ކަމުގައިވިޔަސް، އެއީ އިންތިޚާބެއްގެ ނަތީޖާ ކަނޑައެޅުމަށް ފުދޭ މިންވަރެކެވެ. ޑިމޮކްރެޓިކް ނިޒާމުތަކުގައި މި އުސޫލަކީ "ކާމިޔާބުވާ ފަރާތަށް ހުރިހާ ބާރެއް ލިބުން" ކަމުގައި ސިފަކުރެވެއެވެ. ވެރިކަން ކުރުމުގެ ޝަރުއީ ހައްގު ހޯދުމަށް ބޮޑު އަޣުލަބިއްޔަތެއް އޮތުން ލާޒިމެއް ނޫނެވެ. ބޭނުން ވަނީ ހަމައެކަނި މުޖުތަމައު އެއްބަސްވެފައިވާ އުސޫލުތަކުގެ ތެރެއިން ވާދަވެރިޔާއަށް ވުރެ ގިނަ ވޯޓު ހޯދުމެވެ.
އިންތިޚާބެއްގެ ނަތީޖާގެ ތަފާތު ކިތަންމެ ކުޑަނަމަވެސް، އެކަން ގަބޫލުކުރަން ބައެއް ފަރާތްތަކަށް އުނދަގޫވެދާނެއެވެ. ނަމަވެސް ޑިމޮކްރަސީގައި ކާމިޔާބީ މިނެކިރަނީ ލިބުނު ވޯޓުގެ އަދަދުގެ ފަރަގަކުން ނޫނެވެ. އެންމެ ވޯޓަކުން މޮޅުވުމާއި އެތައް ހާސް ވޯޓަކުން މޮޅުވުން ގާނޫނީ ގޮތުން ހަމަހަމަ އެވެ. އިންތިޚާބެއްގެ ސައްހަކަން ބިނާވެގެންވަނީ އިދިކޮޅު ފަރާތްތަކުގެ ހިތްހަމަޖެހުމުގެ މައްޗަކަށް ނޫނެވެ. އެއީ މުޅި އިންތިޚާބީ މަރުހަލާގެ ދެފުށް ފެންނަ ކަމުގެ މައްޗަށް ބިނާވާ ކަމެކެވެ.
މިއީ ޑިމޮކްރަސީގެ ފުރިހަމަކަމެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ފުރުސަތު ލިބި، ސިޔާސީ ބާރުވެރިކަން ކަނޑައެޅުމުގައި ނުފޫޒާއި މުއްސަނދިކަމަށްވުރެ ވޯޓު ކަރުދާހުގެ މުހިންމުކަން ބޮޑުކަން ކަށަވަރުކޮށްދޭ ކަމެކެވެ. މި ނިޒާމު ބިނާވެފައި ވަނީ ރައްޔިތުންގެ ނިންމުމަށެވެ. އަދި އެ ނިންމުމަކީ ކިތަންމެ ހަނި ނިންމުމެއް ކަމުގައިވިޔަސް، ނަތީޖާއަށް އިހުތިރާމް ކުރުމުގެ މައްޗަށެވެ.
ސިޔާސީ މައިދާނަށް އަލަށް ވަންނަ ފަރާތްތަކަށް މި ހަގީގަތް ގަބޫލު ކުރުމަކީ ގޮންޖެހުމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް، ނަތީޖާއާ މެދު މާޔޫސްވާ ވަގުތުތަކުގައި ވެސް އެ ނަތީޖާއަށް އިހުތިރާމު ކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ އެންމެ މުހިންމު ސިފަ އެވެ. ޑިމޮކްރަސީ ދެމިއޮންނަނީ ކެތްތެރިކަމާއި، ހަރުދަނާ ވިސްނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލެނބުމުގެ މައްޗަށެވެ. ބައެއް ޕީއެންސީ ކުދިން މިކަމަށް އަދި ހަމަ އަލީ އެވެ.
ކޮންމެ ވޯޓަކީ ވެސް އޭގެ އަގު ވަޒަން ކުރަން ޖެހޭ، ހަރުދަނާ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ބިންގަލެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއިން ސާބިތުވެގެންދިޔައީ މި ހަގީގަތެވެ. މި އިންތިޚާބު ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) އަށް، ހޯއްދެވި މުހިންމު ކާމިޔާބީއަށްޓަކައި އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ.