އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕީއެންސީ އަށް ކާމިޔާބު ނުކުރެވުނަސް، ލިބުނު ނަތީޖާއާއެކު ހިތްވަރު ލިބިގެން 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ އެކު އަމާޒު ހިފައިގެން ގަދަކޮށް ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ވޯޓް ދިން އެންމެންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އަބްދުއްރަހަމަކީ ސޮޑާގެ ކެމްޕޭންގައި އެންމެ އިސްކޮށް ޕީއެންސީގެ ފަރާތުން އުޅުއްވި އެކެކެވެ.
"އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން. ކެމްޕެއިންޓީމުގެ މަސައްކަތަށް ތަޢުރީފު ޙައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް." އޭނަ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިއްޔެގެ ބައި-އިލެކްޝަންގެ ނަތީޖާ އިން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒަށް ކާމިޔާބުކޮށް ދިނުމަށް އެ މަނިކުފާނާ އެކު ގަދަކޮށް ތިއްބެވި ކަމަށެވެ.

އިއްޔެގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި ބައި-އިލެކްޝަނަކީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކުރިން ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.