ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 'ދޯސްތާނާ 2' ގެ ޑައިރެކްޝަން ފަހުން ހަވާލުކުރި އަދުވައިތު ޗަންދަން އެ ފިލްމު ދޫކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އެ ފިލްމު ދޫކޮށްލީ ޕްރޮޑިއުސަރުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން އޭނަ ބޭނުންވާ ގޮތަށް ފިލްމު ބައްޓަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ފިލްމު ދޫކޮށްލީ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެކަމަކު މިކަމާ ގުޅޭ ގޮތުން ދަރުމާ އިން ވެސް އަދި އަދުވައިތުގެ ފަރާތުން ވެސް ރަސްމީކޮށް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ނަމަވެސް ދަރުމާ އާއި އަދުވައިތާ މެދު ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުރިއަށް އޮތް އޭނަ އެ ޕްރޮޑަކްޝަން ހައުސްއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އަދުވައިތު މިހާތަނަށް ތިން ފިލްމު ޑައިރެކްޓްކޮށްފައިވާ އިރު، އެ ތިން ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކުރި ފިލްމުތަކެވެ. އޭގެ ތެރެއިން 2017 ގެ 'ސީކްރެޓް ސުޕަސްޓާ' އާއި 2022 ގެ 'ލާލު ސިންްގް ޗައްޑާ' އަކީ އާމިރު ކުޅުނު ފިލްމުތަކެކެވެ. ތިން ވަނަ ފިލްމަކީ އޭނަގެ ދަރިފުޅު ޖުނައިދު ޚާނާ އެކު އަދުވައިތު މިދިޔަ އަހަރު ގެނެސްދިން 'ލަވްޔާޕާ' އެވެ.
'ދޯސްތާނާ 2' އަކީ ދަރްމާ އަށް ތަރޫން މަންސުކާނީ 2008 ގައި 'ދޯސްތާނާ' ގެ ނަމުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީއާ ގުޅުވައިގެން ހަދަން ނިންމާފައި އޮތް ފިލްމެކެވެ. އެގޮތުން 2018 ގައި އެ ފިލްމުގެ މަސައްކަތް ފެށީ ކޮލިން ޑި ކަންހާ ޑައިރެކްޝަނާ ހަވާލުކޮށް، ކާތިކް އާރިއަނާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ ލީޑަށް ނަގައިގެންނެވެ.
ނަމަވެސް ފިލްމުގެ ޝޫޓިންގެ ވަކި ހިސާބަކުން ކާތިކާއި ދަރުމާއާ ދެމެދު މައްސަލަތަކެއް ޖެހި، އޭނަ 'ދޯސްތާނާ 2' އިން ވަކިކުރިކަން އެ ސްޓޫޑިއޯ އިން އިއުލާންކުރި އެވެ. އޭގެ ފަހުން ފިލްމާ ބެގޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ދަރުމާ އިން ނުދައްކަ އެވެ.
އެކަމަކު ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އަދުވައިތާ ފިލްމު ޑައިރެކްޓް ކުރަން ހަވާލުކުރި އިރު، ކާސްޓަށް އޮތީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކާތިކް ކުޅެން އެއްބަސްވި ރޯލު، ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ވިކްރާންތު މަސީ އަށް ދީފައިވެ އެވެ.
ނަމަވެސް މިހާރު އަދުވައިތު 'ދޯސްތާނާ 2' ދޫކޮށްލާފައިވާތީ މި ފިލްމު އަނެއްކާ ވެސް މިއޮތީ ވާނުވާގަ އެވެ.