ފުލުހުންގެ ވަޒީފާ ދޫކޮށްލައި، މަޝްހޫރު ޑޭޓިން ރިއަލިޓީ ޝޯ، 'ލަވް އައިލޭންޑް' ގެ އެމެރިކާގެ ވާޝަންގެ އާ ސީޒަނުގައި ވާދަކުރަން ޒުވާނަކު ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އެއީ މިދިޔަ އަހަރުގެ އޮގަސްޓްގައި ފުލުހުންގެ ވަޒީފާއާ ރަސްމީކޮށް ގުޅުނު ޝޯން ރޭފެލް، 29، އެވެ. އޭނަ އަކީ ޕެންސިލްވީނިއާގެ ބަތުލެހެމް އަށް ނިސްބަތްވާ މީހެކެވެ. އެތަނުގެ ފުލުހުންގެ ފެށޭ މުސާރަ އަކީ މަހަކު 70،000 ޑޮލަރެވެ.
ޝޯން ފުލުހުންގެ ވަޒީފާ އަށް ވަންތާ އަހަރެއްހާ ދުވަސް ވެސް ނުވަނީސް ވަކިވެ، ރިއަލިޓީ ޝޯއަކާ ގުޅެން ނިންމުމުން ޕެންސިލްވީނިއާގެ މޭޔަރު ޖޭ ވިލިއަމް ރޭނޮލްޑްސް ވެސް ނުރުހުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ ފުލުހެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމަށް ވުރެ ބޮޑަށް ރިއަލިޓީ ޝޯއަކަށް ބައެއްގެ ހިތް ލެނބުމަކީ ދުވަހަކު އުންމީދު ވެސް ކުރި ކަހަލަ މީހެއް ނޫން ކަމަށެވެ.
މޭޔަރު ވިދާޅުވީ ފުލުހުން ހިދުމަތަށް ނެރެނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ބޮޑެތި ޓްރެއިނިންތަކެއް ވެސް ދިނުމަށް ފަހު ކަމަށެވެ. އެހެންވެ އޭގެ ވަޒަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ޕެންސިލްވީނިއާ އަށް ފުލުހުންގެ ދަތިކަން އެބަހުރި ކަމަށެވެ. އަދި ޝޯންގެ ފަރާތުން ފެނުނު އަމަލަކީ ޒުވާނުންނަށް ދެވޭ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް ވިދާޅުވި އެވެ،
ފުލުހުންގެ ވަޒީފާ ޝޯން ދޫކޮށްލުމާ ގުޅިގެން އޭނަ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ޑިޕާޓްމަންޓްގެ ވެރިޔާ މިޝެލް ކޮޓް ވިދާޅުވީ ފުލުހުންގެ ތެރެއިން އެކަކު ވެސް މަދުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އޭނަ ވެސް ވިދާޅުވީ ފުލުހުންގެ ދަތިކަން އެބަހުރި ކަމަށެވެ.

އެގޮތުން ޝޯން ވަކިވާން ނިންމުމާ ގުޅިގެން ބަތުލެހެމް ޕޮލިސް ޑިޕާޓްމަންޓުން މިހާރު 16 މަގާމު ހުސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
'ލަވް އައިލޭންޑް' އަކީ ސްޓްރީމިން ޕްލެޓްފޯމް، ޕީކޮކް އިން ގެނެސްދޭ ޝޯއެކެވެ. ޝޯން ވާދަކުރާ މި ޝޯގެ 8 ވަނަ ސީޒަން ޕްރީމިއާކުރީ މި މަހުގެ 2 ގަ އެވެ.