Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެމްޑީޕީ އަށް އެކަނި ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ

އެމްޑީޕީ އަކީ އިތުރު ޕާޓީއަކާ ނުލައި ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ޕާޓީއެެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 12 ގައި ބާއްވާ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވާ މީކާއީލް ނަސީމްގެ ކެމްޕޭން ޖަލްސާގައި ރޭ ތިނަދޫގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެހެން ޕާޓީތަކުގެ އެއްބާރުލުން ބޭނުން ވާނެ ކަމަށެވެ.

ނަޝީދުގެ ކެމްޕޭން ދަތުރުތަކުގެ ތެރެއިން މިއަދު ގދ. ފަރެސްމާތޮޑާގައި އެމްޑީޕީގެ މެންބަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިގަނެގެން ނުވާނެ ކަމަށެވެ.

"އެއީ ވަރަށް ބޮޑަށް ޕާޓީއާ ދޭތެރޭ ބުނެވޭ ބަދު ބަހެއް. ޕާޓީ ދަށްކޮށްލުން އެއީ." އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ވެރިަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް 100،000 އަށް ވުރެ ގިނަ މެންބަރުން ހޯދޭނެ ކަމަށާއި އިންތިހާބުގައި އެމްޑީޕީއަށް އެކަނި 160،000 އަށް ވުރެ ގިނަ ވޯޓު ވެސް ހޯދޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއްގެ އުނގަށް އެރިގެން ސަރުކާރުން ބޮޑުބައެއް ދީގެން އެކަމާ އެމްޑީޕީގެ މީހުން ރުޅިއަރުވަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މީހަކަށް ކުރާނެ ކަމެއް ނެތް ކަމަށް އަބަދުވެސް ބުނަމުން ދަނީ. ސަރުކާރަށް އައިސް ހުރިހާ މަގާމެއް މި ލިބެނީ އެހެން ކުދިކުދި ޕާޓީތަކަށް،" ނަޝީދު ވިދާޅުވި އެވެ. "އެހެން އެކަން ވީމަ އެމްޑީޕީގެ މެންބަރުން ދަނީ ބާކީވަމުން. ބާކީ ވަނީ އާންމު މެންބަރުން."

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކަން ކުރެވޭނެ ކަމަށެވެ. އަދި އި އިންތިހާބަކަށް ފަހު އިންތިހާބެއް އެމްޑީޕީން ކާމިޔާބު ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުދިކުދި ޕާޓީތަކަށް ސިޔާސީ މަައިދާނުގައި މިހާރަކު ރައްޔިތުންގެ ތާއިދެއް ވެސް ނެތް ކަމަށެވެ. އަދި އޭގެ ތެރޭގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ހިިމެނޭ ކަމަށް ވިދާޅުވި އެވެ.

"ކޮން ތަނަކުންތޯ އެ މީހުން ގޮނޑިއެއް ނެގީ. ކައުންސިލް އިންތިހާބެއްގައި ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެ މީހުން ގޮނޑިއެއް ނެގި ތަނެއް." ނަޝީދު ވިދާޅުވި އެވެ.