ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ. އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ކަމަށެވެ.
ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އެ މުއްދަތު އިތުރު ހަފުތާއަކަށް އިތުރުކޮށްފައިވާތީ ޖަލްސާތައް ފަށާނީ އަންނަ ހަފުތާގެ ހޯމައިގައި ކަމަށެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މި ދައުރުގެ ޖަލްސާތައް އަންނަ އޮގަސްޓް 15 ގެ ނިޔަލަށް ކުރިއަށް ގެންދަން ޖެހޭނެ އެވެ.
ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ މަހުގެ 1 އިން މެއި މަހުގެ 15 ގެ ނިޔަލަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައި މިދިޔަ މަހުގެ ނިޔަލަށް މި އަހަރުގެ ފުރަތަމަ ދައުރު ދަންމައިލި އެވެ. އެގޮތުން އޭނަ ވަކިކުރަން އެޖެންޑާކުރި ޖަލްސާގެ ކުރިން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަދި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފައިވެ އެވެ.
މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށާ އިރު، ހުސްވެފައިވާ އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑި އަށް އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވަނީ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ހޮވައިފަ އެވެ. ކުރިން އެ ދާއިރާ ތަމްސީލު ކުރެއްވީ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނެވެ. އޭނަ އަށް ގޮނޑި ގެއްލުނީ ދަރަންޏަކާ ހެދި އެވެ.
ސޯބެ މެންބަރުކަމުގެ ހުވާކުރައްވާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.