ފުލުހުންގެ ތަރުޖަމާނުކަމުން އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވަކިކޮށް، އެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ.
ޝިފާން އެ މަގާމުން ވަކިކޮށްފައި ވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް މި ބަދަލު ގެނެސްފައި މި ވަނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އައްޔަން ކުރުމުގެ ކުރިން އާރިފް ހުންނެވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގަ އެވެ. އަދި އޭނާ ކުރިން ވަނީ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.
ޝިފާން ފުލުހުންގެ ތަރުޖަމާނަކަށް އައްޔަންކޮށްފައި ވަނީ ފެބްރުއަރީ 2024ގަ އެވެ.