Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ވީއައިއޭގައި ހާއްސަ "ކާމް ރޫމް" އެއް ހުޅުވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފިއެވެ.

ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

އެ ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

އެމްއޭސީއެލުން ބުނީ މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމް.އޭ.ސީ.އެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"ބޮލި" މި ނަމުގައި ތަޢާރަފްކުރެވުނު މި ޚިދުމަތުގެ ދަށުން، ޚާއްސަ އިންތިޒާމްތަކާއެކު ކާމް ރޫމްގެ ޚިދުމަތް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ. ެެއެމްއޭސީއެލުން ބުނީ ދުނިޔޭގެ ގިނަ އެހެނިހެން އެއަރޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ 'ބޮލި' ޕްރޮގްރާމްގެ ދަށުން ތަރައްގީ ކުރި ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނެއް ކަމަށެވެ.

މިގޮތުން އެ ކާމް ރޫމްގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެެވެ.

ހަމައެއާއެކު، ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެ ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.

މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ލިބިގެންދާނެ ކަމަށާއި މި ލެންޔާޑުގެ ސބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެ ކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުން ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.