ކާބޯތަކެތީގެ ޙަޤީޤީ ރައްކާތެރިކަމަކީ ޤައުމެއްގެ ހޭލުންތެރިކަމާއި އަޚުލާޤާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ.ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ޞިއްހަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއް ކަމަށާއި ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމަށެވެ.
އެގޮތުން އެޤައުމެއްގައި އިންސާނީ އަޚުލާޤު ހަރުދަނާ ކުރެވިފައިވާ މިންވަރާއި ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު އެކަމުން ހާމަކޮށްދޭ ކަމަށާއި ކާބޯތަކެތީގެ ޙަޤީޤީ ރައްކާތެރިކަމަކީ ޤައުމެއްގެ ހޭލުންތެރިކަމާއި އަޚުލާޤާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން، މިއަދަށް ޚާއްސަކުރެވިފައިވާ ޝިއާރު ކަމަށްވާ "ފްރޮމް ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ" ނުވަތަ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް" މި ޝިޢާރުން ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޞިއްޙަތާ ގުޅިފައިވާ ކަމެއްކަން ދޭހަވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ވައްޓަފާޅިޔަށް އިޝާރާތްކުރައްވައި ވިދާޅުވީ ދިރިއުޅުމުގެ ރީތި އާދަތައް ޙަޤީޤަތުގައި ފެށެނީ ޅަފަތުގެ ތަރުބިއްޔަތުން ކަމަށާއި މި ކަން އަށަގަންނަވައި ހަރުލައްވަނީ މަދަރުސާގެ ތެރެއިންނާއި އެއަށްފަހު ދެން މުޖުތަމަޢުން ކަމުގައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އެކުލަވާލަމުންދާ ޤަވާއިދުތަކާއި އުސޫލުތަކަކީ ކުރިޔަށްވުރެ ރަނގަޅަށް މިކަން ހަރުދަނާ ވެގެން ދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖެ ޖިއޮގްރަފީގޮތުން އުފެދިފައި އޮންނަ ގޮތުންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހުރެ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދައި ބޭރުގެ ބޮޑެތި މާރކެޓުތަކަށް އެކްސްޕޯޓުކުރުމުގެ ފުރުޞަތު އަބަދުވެސް އޮންނަނީ ހަނިކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިޒަމާނުގައި ޓެކްނޯލޮޖީ ފަހިވެފައިވާ މިންވަރަށް ބަލާ އިރު، މަސްވެރިކަމުގެ ބައެއް ބާވަތްތައް ވެސް، އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ ބައެއް ވިޔަފާރި ވެސް ހަމަ އާންމު ގޭގެ ފެންވަރުގައި ކުރާކަށް ދައްޗެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް، "ސަމާވަރު" އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މީގެ އިތުރުން، މިއަދުގެ ހަފުލާގައި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ދަފްތަރުކުރުން އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ.