Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ރައީސްގެ ތާއީދު 5 ޕަސެންޓަށް ތިރިކޮށްލާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ފަސް ޕަސެންޓަށް ތިރިކޮށްލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މުޒާހަރާތަކުން ހައްޔަރުކުރި އެމްޑީޕީގެ މެންބަރުންނަށް ދައުވާކޮށްފި ނަމަ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށާއި އެމްޑީޕީއަށް ވުރެ މައްޗަށް ރައީސް މުއިއްޒަށް ނޭރުއްވޭނެ ކަމަށެވެ.

"މާ، މާ ބޮޑަށް ބަލިވާނެ. އެއްގޮތަކަށް ވެސް ހިޔާލަށް ވެސް ގެންނަވައިގެން ނުވާނެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން، އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށްގެން، ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކޮށްގެން ތިބޭފުޅާ އަށް އަޅުގަނޑުމެން ޕާޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް. އެ ވިސްނުން ވެސް ނުގެންނަވާތި. އެއީ ރަތް ރޮނގެއް،" ނަޝީީދު ވިދާޅުވި އެވެ.

"އެ ރޮނގު ހުރަސް ނުކުރައްވާތި. ނުކުރައްވާތި ޑރ. މުއިއްޒު. އަޅުގަނޑު ވަރަށް ރަނގަޅަށް މި ދަންނަވަނީ. ނުކުރައްވާތި. ކުރައްވައިފިއްޔާ ބާލާނަން. ވަގުތުން ބާލާނަން. ހަމަ ސީދާ ވަގުތުން ބާލާނަން."

ނަޝީދު ވިދާޅުވީ 2028ގެ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ 160،000 ވޯޓު އެމްޑީޕީއަށް ހޯދޭނެ ކަމަށާއި ނަމަވެސް މިއަދު އެކަމަށްޓަކާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު މާ އަތްފުޅާވެގެން ނޫޅުއްވުމަށާއި އެމަނިކުފާނު ހުންނަވަން ޖެހޭނީ ސައިޒުގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ ތިބޭފުޅާ ފަސް ޕަސެންޓަށް އަޅުގަނޑުމެން ތިރިކޮށްލާނަން،" ނަޝީދު ވިދާޅުވި އެވެ.