ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތައާރަފުވިތާ ގާތްގަނޑަކަށް އަށާރަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ބަދަލާއެކު ދިވެހިން ކުރި އުއްމީދަކީ ފަރުދީ މިނިވަންކަމާއި، މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަމުގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ، ޖަވާބުދާރީކުރުވުން ހަރުދަނާ ނިޒާމެއް ގާއިމުވުމެވެ.
ނަމަވެސް، ވިއްސަކަށް އަހަރު ފާއިތުވެގެންދާއިރު، ރާއްޖޭގެ ޑިމޮކްރެޓިކް ރިޔާސީ ނިޒާމުގައި އެއް ފަރުދެއްގެ އަތްމައްޗަށް ނުވަތަ އެގްޒެކެޓިވް ބާރުގެ ދަށަށް ހުރިހާ ކަމެއް ޖަމާވަމުންދާ ދިއުމާމެދު މިއަދު ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
މިކަމުގައި މައްސަލައަކީ ޚުދު ޑިމޮކްރަސީއެއް ނޫނެވެ. އޭގެ ބަދަލުގައި، މައްސަލަ އުޅެނީ ރާއްޖޭގެ ސިޔާސީ ސަގާފަތުގެ ތެރޭގައި މުއައްސަސާތައް ބައްޓަންވެފައިވާ ގޮތާއި، ބާރުތައް ބެލެންސްކުރުމުގެ ނިޒާމު (ޗެކް އެންޑް ބެލެންސް) ބަލިކަށިވުމުގައެވެ. ނަޒަރީ ގޮތުން ބަލާއިރު، ރިޔާސީ ނިޒާމަކީ ދައުލަތުގެ އިދާރާތައް މިނިވަންކަމާއެކު ހިންގައި، ސަރުކާރުގެ ބާރުތައް ވަކި އިންތަކެއްގެ ތެރޭގައި ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.
އެހެންނަމަވެސް، ރާއްޖޭގެ އަމަލީ ތަޖުރިބާއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމާއެކު، ޑިމޮކްރަސީގެ އަސާސް ކަމުގައިވާ ބާރުތައް ވަކިވެފައި އޮތުމުގެ ބަދަލުގައި، އެ ބެލެންސް ގެއްލިގެންދާ މަންޒަރު ފެނެއެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުން ތަމްސީލުކުރުމާއި، ސަރުކާރުގެ އަމަލުތައް މޮނިޓަރކޮށް ފާރަވެރިވުމާއި، ގައުމުގެ ބަޖެޓާއި ގާނޫނުތައް ފާސްކުރުމެވެ. ހަރުދަނާ ޑިމޮކްރަސީއެއްގައި މަޖިލިސް ހިނގަންވާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައެވެ.
މަޖިލީހުގެ ދައުރަކީ ވެރިކަން ކުރާ ފަރާތް ހިމާޔަތްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ގާނޫނުއަސާސީގެ އިސްތިގްލާލާއި އާންމު މަސްލަހަތު ރައްކާތެރިކުރުމެވެ.
ނަމަވެސް، ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ ރާއްޖޭގެ ހަގީގީ ހާލަތު މިއާ ވަރަށް ބޮޑަށް ތަފާތުކަމެވެ. އެކި ދައުރުތަކުގައި ސަރުކާރުތަކުން މަޖިލީހުގެ 'ސުޕަ-މެޖޯރިޓީ' ބޭނުންކޮށްގެން، މަޖިލީހަކީ ހަމައެކަނި ރައީސްގެ ނިންމުންތަކުގައި ސިއްކަޖަހާ (ރަބަރު ސްޓޭމްޕް) ތަނަކަށް ހަދާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރު ޖަވާބުދާރީކުރުވުން ކުޑަވެ، މުއައްސަސާތަކުގެ މިނިވަންކަން ވަނީ ގެއްލިފައެވެ.
ގިނަ ފަހަރަށް މަޖިލިސް މެންބަރުން އިސްކަންދެނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސިޔާސީ ވަފާތެރިކަމަށެވެ. މީގެ ސަބަބުން މަޖިލީހުގެ އަސްލު މަގުސަދު ގެއްލި، މުހިންމު ނިންމުންތައް އެކަށީގެންވާ ބަހުސަކާ ނުލައި އަވަސްއަރުވާލައިގެން ނިންމުމުގެ ސަގާފަތެއް ވަނީ އުފެދިފައެވެ.
ރިޔާސީ ބާރުތައް މިންވަރަށްވުރެ ބޮޑުވުމުގެ ނަތީޖާއަކީ ސިޔާސީ ނުތަނަވަސްކަން އިތުރުވުމެވެ. މުއައްސަސާތައް ބަލިކަށި ރިޔާސީ ނިޒާމުތަކުގައި، ކަންކަން ބިނާވަނީ ދައުލަތުގެ ސިޔާސަތުތަކާއި ގައުމީ ތަރައްގީގެ މައްޗަށްވުރެ ބޮޑަށް، ވެރިކަންކުރާ ޝަޚުސިއްޔަތެއްގެ ނުފޫޒުގެ މައްޗަށެވެ. މި ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފުޅާ ބާރުތަކާއި ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭތީ، ކޮންމެ އިންތިހާބަކީ ދައުލަތުގެ މުޅި ކޮންޓްރޯލް ހޯދުމަށް ކުރެވޭ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެއެވެ. މީގެ ސަބަބުން ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސީ ހަމަނުޖެހުމާއި، ބަދަލުހިފުމުގެ ރޫހު އާލާވެ، މުއައްސަސާތައް އިތުރަށް ބަލިކަށިވުމުގެ ނުރައްކާ ކުރިމަތިވެއެވެ.
ދިވެހި ގައުމު މިއަދު މިވަނީ ނުހަނު މުހިންމު ސުވާލެއްގެ ކުރިމަތީގައެވެ. އެއީ، އެއް އޮފީހަކަށް މާބޮޑު ބާރުތަކެއް ޖަމާވެފައިވާ މި ރިޔާސީ ނިޒާމާއެކު ދިވެހި ޑިމޮކްރަސީ އިތުރަށް ކުރިއަށް ގެންދެވިދާނެތޯ ކުރެވޭ ސުވާލެވެ. ހަރުދަނާ ލީޑާޝިޕެއް ބޭނުންވި ނަމަވެސް، ހިފެހެއްޓުމެއް ނެތް ބާރަކީ ކޮންމެ މީހެއްގެ އަތުގައި އޮތް ނަމަވެސް އިންތިހާ އަށް ނުރައްކާތެރި އެއްޗެކެވެ. ތާރީޚީ ތަޖުރިބާތަކަށް ބަލާއިރު، ބާރުތައް އެއްކުރުމަކީ ޑިމޮކްރަސީ ބަލިކަށިވެ، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވާ ކަމެކެވެ. ރާއްޖޭގެ މިސްރާބު މިހާރު ހުރީ އެފަދަ ނުރައްކާތެރި ދިމާއަކަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
މާ ލަސްވުމުގެ ކުރިން ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނައި ފިޔަވަޅު އަޅަން ޖެހެއެވެ. ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ގެނެވުނު ޑިމޮކްރެޓިކް އިސްލާހުތަކުގެ ދަށުން ތައާރަފްކުރި ވެރިކަމުގެ ނިޒާމު، މިއަދު އިޚްލާޞްތެރިކަމާއެކު މުރާޖައާކުރަން ޖެހެއެވެ. ގައުމަށް ހެޔޮ ބަދަލެއް ބޭނުންވާ ރައްޔިތުން މިއަދު ބޭނުންވަނީ ހަމައެކަނި ސަރުކާރެއް ނުވަތަ ޕާޓީއެއް ބަދަލުކުރުމެއް ނޫނެވެ. މިއަދު ރައްޔިތުން ގޮވާލަނީ ގައުމުގެ ވެރިކަންކުރާ ނިޒާމަށް ޖޯހަރީ ބަދަލެއް ގެނައުމަށެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތްތައް އަދިވެސް ވަނީ ފުރިހަމަނުވެއެވެ. ރާއްޖެއަށް މިހާރު އެންމެ ބޭނުންވަނީ ރައްޔިތުންގެ މަޖިލިސް ހަރުދަނާކޮށް، މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށް، ހިންގުމުގެ ބާރު ވަކި ފަރާތަކަށް މަރުކަޒުވުން ހުއްޓުވޭނެ ފަދަ ދުސްތޫރީ އިސްލާހުތަކެކެވެ. ޑިމޮކްރެޓިކް އިސްލާހީ މަސައްކަތަކީ މެދުކެނޑުމެއް ނެތި ކުރިއަށް ދާން ޖެހޭ ޕުރޮސެސް އެކެވެ.
ޖަވާބުދާރީ ކުރުވުމާއި، ބާރުތައް ވަކިކުރުމާއި، މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަކީ ފުރިހަމަ ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެވެ.
ހަގީގީ ހައްލަކީ ވަކި ސިޔާސީ ފަރާތްތަކަކަށް ނުވަތަ ޕާޓީތަކަށް ކަނު އަޅައިގެން ތަބާވުމެއް ނޫނެވެ. އޭގެ ބަދަލުގައި މުއައްސަސާތަކުގެ ހިންގުން ވަރުގަދަކުރުމެވެ. ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަމާއި ހިތްވަރާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހެއެވެ. ދައުލަތުގެ ބާރުތައް ސުޕަވައިޒްކުރާ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކުރަން ޖެހެއެވެ. ޝަރުއީ ދާއިރާއަކީ ސިޔާސީ ނިންމުންތަކުން ބަރީއަވެފައިވާ މިނިވަން ދާއިރާއަކަށް ވާންޖެހޭއިރު، މީޑިއާއަކީ އެއްވެސް ބިރުދެއްކުމެއް ނެތި ހަގީގަތް ހާމަކުރާ ފަރާތަކަށް ވާންޖެހެއެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް، ގާނޫނުއަސާސީގެ އިސްތިގުލާލު ކޮންމެ ފަރުދަކަށްވުރެ މަތިވެރިކަންމަތީ ދެމިއޮންނަން ޖެހެ އެވެ.
ޑިމޮކްރަސީގެ ހަގީގީ ބާރަކީ ހަމައެކަނި ހެޔޮލަފާ ލީޑަރުން ތިބުމެއް ނޫނެވެ. އޭގެ ބަދަލުގައި، ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަން އުޅޭ ހިނދު، އެކަން ހުއްޓުވޭނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ރާއްޖޭގެ މުސްތަގުބަލުގެ ހަމަޖެހުން ބިނާވާންވާނީ ބާރުތައް އެއްކޮށް، ޚުދުމުޚުތާރު ވެރިކަމަކަށް ފުރުސަތު ދިނުމުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ސިޔާސީ ނިޒާމު އިސްލާހުކުރުމަށް ބޭނުންވާ ކެރުމާއި ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން ޖެހެއެވެ.
ގައުމުގެ މުސްތަގުބަލާއި އަންނާން އޮތް ޖީލުތަކުގެ ހައްގުގައި، މި ބޮޑު ބަދަލަށް އާނބަސް ބުނަމާ ހިނގާށެވެ.